އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީ އާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އޭރުން އެ ބްރިޖުގެ އަގު ކުރުމަށްޓަކާ ކޮންޓްރެކްޓަރެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށް ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގައި އޮތީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭނެއް ކަމަށާއި އެގޮތުން އައްޑޫގައި ކުރަން ނިންމާފައި ހުރި ކަންކަމަކީ ރައްޔިތުން ބޭނުންވެގެން ސަރުކާރު ގާތު އެދިފައިވާ ކަންކަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
މި ބްރިޖުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރުތެރޭ ފެށުމަށް ބޭނުންފުޅުވާ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅައިލާ ވާހަކަ އަކީ އެކިއެކި ރިޔާސީ ކެމްޕޭންތަކުގައި މީގެ ކުރިން ވެސް ބައެއް ރިޔާސީ ކެންޑިޑޭޓުން ދައްކަވާފައިވެ އެވެ. އެގޮތުން މި ބްރިޖްގެ ވާހަކަ އެންމެ ފުރަތަމަ ތިލަކުރެއްވީ 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
ރާއްޖޭގައި މިހާތަނަށް ބްރިޖެއް އަޅަން ހިންގި އެންމެ ބޮޑު، ފުރަތަމަ މަޝްރޫއު ހިންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެއީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލެ ގުޅާލި ބްރިޖެވެ.