ރަށު ވަޤުފު ބޭނުންވެގެން 80 ރަށުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިމަނުއްވާފައިވާ ވަޤުފް މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތަށް ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތަޙްކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި އެކަމަށް ބޭއްވި ޖަލްސާގައެވެ. ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ.
އަތޮޅާއި ސިޓީ ވަޤުފް އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކުން ވަޤުފް މަޝްރޫޢު ހިންގުމަށް ޝައުޤުވެރިކަން މިހާތަނަށްވެސް ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 4 ސިޓީއާއި 8 އަތޮޅުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، 80 ރަށުން ރަށު ވަޤުފް ކުރަން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
"ރަށެއްގައި ވަޤުފެއް ޤާއިމް ކުރުން މިއީ ވަރަށް ކުޑަ ކުޑަ ޚަރަދަކުން ކުރެވޭ ކަމެކޭ، އާދައިގެ ކުޑަ އާބާދީތަކުގައި. މިލިއަނެއްހާ ރުފިޔާވެސް ނުގަގައޭ ރަށެއްގައި ކުޑަ ޕްރޮޖެކްޓެއް ޤާއިމް ކުރަން. " މިނިސްޓަރ ޝަހީމް ސިޓީ އަދި އަތޮޅު ވަޤުފް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢު ހިންގާނެ ގޮތުގެ ތަފްސީލްވެސް ވަނީ ހިއްސާ ކުރެވިގެން ގޮސްފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މާލޭ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ހިންގޭ ވަޤުފް މަޝްރޫޢުތަކަކީ ކައުންސިލުތަކުގެ ބެލުމުގެ ދަށުން ދީނީ ދައިރާތަކަށް ޙަރަދު ކުރާ ގޮތަށް ޝަރުތު ކުރެވިގެން ހިންގޭ މަޝްރޫޢުތަކަށް ހެދުމަށް ބޭނުންވާ ކަމަށެވެ.
ކައުންސިލްތަކުގެ ދަށުން ވަޤުފު ޤާއިމް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެހީ ވެދޭން ވަނީ ނިންމާފައެވެ. އެގޮތުން އެކަން މިހާތަނަށް ޝައުޤުވެރިކަން ފާޅުކުރި ކައުންސިލުތައް މިނިސްޓްރީން ފާހަގަކޮށްފައިވާއިރު، އެ މަޝްރޫޢުތައް ހިންގުމަށް 3 ގޮތަކަށް ފައިސާ ހޯދަން މިނިސްޓްރީން ގަސްތުކުރެއެވެ. އެއީ
- މިނިސްޓްރީގެ ފަންޑެއް ތެރެއިން މުޅި މަޝްރޫޢު ފައިނޭންސް ކުރުން ނުވަތަ
- މަޝްރޫޢަށް ބޭނުންވާ ލޯނު އިސްލާމީ ބޭންކަކުން ނެގުމަށް އިކުއިޓީ ހަމަޖައްސައި ދިނުން
- ބޭރުގެ މާލީ އިދާރާއެއްގެ އެހީ އެ މަޝްރޫޢު އަކަށް ހޯދައި ދިނުން
ވަޤުފް މަޝްރުޢު ގޮތުގައި ހިންގާ މަޝްރޫޢުތައް ކަނޑައަޅަން މިނިސްޓްރީން ފުރުސަތު ދެނީ ކައުންސިލްތަކަށެވެ. އެގޮތުން ކައުންސިލްތަކުން އެ ރަށެއްގެ ކުދި ވިޔަފާރިތަކަށް ބުރުނާރާ އަދި އާމްދަނީ ލިބޭނެ މަޝްރޫޢެއް ކަނޑައަޅައި މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅައި ކުރިއަށް ގެންދެވޭނެ ކަމަށާއި، މިކަމުގެ ހުރިހާ މަރުހަލާއެއްގައިވެސް މިނިސްޓްރީން ފަންނީ އެހީތެރިކަން ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.