ފައިލޭރިއާ އަށް ޓެސްޓްކުރުމުގެ ޕްރޮގްރާމެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އިން ނިންމައިފި އެވެ.
ފައިލޭރިއާ އަށް ޓެސްޓްކުރަން ނިންމީ މިދިޔަ މަހުގެ ތެރޭގައި އެ ބަލީގެ ކޭސްތައް ފެނުމާ ގުޅިގެންނެވެ. އެއީ ކުޅުދުއްޓާއި މާލެ އާއި ހުޅުމާލެއިންނެވެ. އެ ތިން ސަރަހައްދުން ފެނުނު ކޭސްތަކުގެ އަދަދު 32 އަށް އަރާ އިރު، އެއީ މުޅިން ވެސް ބިދޭސީންނެވެ.
އެޗްޕީއޭ އިން ބުނީ ފައިލޭރިއާ އަށް ޓެސްޓްކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ގެންދަން ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކަމަށާއި އެއާ އެކީ މިކަން މުޅި ރާއްޖެ އަށް ފުޅާކުރާނެ ކަމަށެވެ.
އެގޮތުން ބިދޭސީންނާއި ދިވެހިން ވެސް ޓެސްޓްކުރާނެ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި ޕްރޮގްރާމް ކުރިއަށް ގެންދާނީ އުމުރުފުރާއަކަށް ހާއްސަ ނުކޮށެވެ. އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން 70 ރެންޑަމް ސާމްޕަލް ނަގައި ޓެސްޓް ކުރަން އަމާޒު ހިފާފައިވާ ކަމަށް ބުންޏެވެ.
ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެ އިން ފެނުނު އިރު، މިއީ ރާއްޖެ އިން ނައްތާލާފައި އޮތް ބައްޔެކެވެ. އެޗްޕީއޭ އިން މިހާރު އަންނަނީ ފައިލޭރިއާ އަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.