Last Updated: November 23, 11:53
Saturday, November 23, 2024
ޚަބަރު

މިސްކިތްތަކުގެ މަރާމާތައް 60 މިލިއަން ބޭނުންވޭ

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދޫ / ފޮޓޯ: އޮސްލާމިކް މިނިސްޓްރީ

ރާއްޖޭގެ މިސްކިތްތަކުގެ މަރާމާތަށް މިހާރުވެސް 60 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، އަތޮޅު އަދި ސިޓީ ވަޤުފް އިފްތިތަޙް ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރގެ ވާހަކަފުޅުގައި އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޯށްދޭން ދިވެހިން އަބަދުވެސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ކަންކޮޅުތަކުގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭތަން ފެނިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ އިންސާނީއްޔަތައް ކުރެވޭ އެފަދަ ކަންކަމަކީ ވަރަށް ރަނގަޅު ކަންކަމުގެ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ، ސޯޝަލް މީޑިއާއިން ބޭރުގެ މިސްކިތް ބިނާ ކުރުމަށާއި ފެން ވަޅު ބެހެއްޓުމަށް އަދި އެހެނިހެން ކަންކަމަށް ޙަރަދު ކުރާތަން ފެނިވަޑައިގަންނަވާ ކަމާށެވެ. އެއީ ދިވެހިން ހެޔޮކަމެއްގައި ޝާމިލްވާކުރާ ކަންކަމުގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެނަސް ދިވެހި މުޖްތަމަޢުތެރެއަށް ފީނާލުމުން ޙަރަދު ކުރާނެ ވަރަށް ގިނަ ދައިރާތައް ފެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ޤުރުއާން ކްލާސްތައް ހުއްޓިފައި ހުރުމާއި މިސްކިތްތަކުގެ އާބާތުރަ ނުފިލުވުމުގެކަން ކަންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

" ކީރިތި ޤުރުއާން ކްލާސްތައް ރަށްރަށުގައި އެހުރީ ހުއްޓިފައި. ވަސީލަތްތައް ނުލިބި ގޮނޑި ނޫނީ އެހެންވެސް ކަންތައްތައް ނުލިބިގެން. މިސްކިތްތަކުގެ ތެރެއަށް ވާރޭ ވެހެނީއޭ. ޓިނު ހަލާކުވެގެން ގޮސްފި. މިހާރުވެސް މިވަގުތާއި ހަމައަށް ލިބިފައި ހުރި ހިސާބު ކިތާބައް ބަލާއިރުގައި 60 މިލިއަން ރުފިޔާ އެބަ ބޭނުންވޭ ރާއްޖޭގެ މިސްކިތްތަކުގައި ހުރި ކަންކަން ރަނގަޅު ކުރުމަށް " ޑރ. ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖޭގެ ސަދަޤާތާއި އެހީއަށް ބޭނުންވާ ފައިސާ ކޮންމެހެން ބޭރު ޤައުމުތަކަށް ނުފޮނުނުވި ނަމަވެސް، ރާއްޖޭގެ އެތެރެއަށް ޙަރަދުކޮށް ރަށްރަށުގައި ހުރި މިކަހަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ވަރަށް ގިނަ ވިޔަފާރިވެރިންނާއި ތަނަވަސްކަމުގެ އަހުލުވެރިން ބައްދަލުވެ އެހީތެރިވެވޭނީ ކޮންގަތަކުން ހޭ ސުވާލު ކުރައްވާ ކަމަށެވެ. އެކަމަށް މިހާރު ދެއްވާނެ ޖަވާބަކީ މިފަދަ ވަޤްފު މަޝްރޫޢުތަކަށް ޙަރަދު ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުޑަ ރަށެއްގައި ވަޤުފެއް ޤާއިމް ކުރަން މާބޮޑު ޚަރަދެއްވެސް ނުދާ ކަމަށް ވިދާޅުވިއެވެ.

އަތޮޅާއި ސިޓީ ވަޤުފު ހެދުމަށް ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ޕްރޮގްރާމު އީއްޔެ އިފްތިތާޙްކޮށްފައިވާއިރު، ރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ދީނީ ކަންކަމަށް ޚަރަދުކުރާ ގޮތަށް ޝަރުތުކޮށް ވަޤުފް މަޝްރޫޢު ފެށުމަށް އިސްލާމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.