Last Updated: November 23, 11:53
Saturday, November 23, 2024
ޚަބަރު

އައްޑޫގެ ފެން ހިންދާ ނިޒާމުން ވިއްސާރައިގެ ގެއްލުން ކުޑަ

އައްޑޫ މަގު ހެދުމުގެ މަސައްކަތްގެ ތެރެއިން ފެން ހިއްދާ ނިޒާމު ޤާއިމް ކުރުމަށް އަޅާފައިވާ ޓްރެންޗެއް / ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީގައި މިހާރު އަޅައި މަސައްކަތް ނިންމަމުންދާ ސްޓޯމް ވޯޓަރ ޑްރެއިން ސިސްޓަމުގެ ސަބަބުން ވިއްސާރައިގައި ލިބުނު ގެއްލުން ކުޑަވެގެން ދިޔަ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތަލިބު ވަނީ އައްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިފަހު ކުރި ވިއްސާރައިގައި ފެން ހިންދާ ނިޒާމުގެ ނެޓްވޯކް ގުޅިފައިވުމުން އައްޑޫއަށް ލިބުނު ގެއްލުން ކުޑަވެގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ.

" މިފަހަރު ފެންބޮޑުވިއިރު ތިބޭފުޅުންނަށް ފާހަގަވާނެ ފޭދޫގައި ބޮޑަށް ގެއްލުންތައް ލިބިފައި ހުރީ. ދެން ހުރި ރަށްރަށުގައި ކޮންމެވެސް ވަރަކަށް ގެއްލުންވި އެހެންވަނަމަވެސް އެހާ ބޮޑެތި ގެއްލުންތަކެއް ނުލިބޭ. މައިގަނޑު އެއްކަމަކަށް ފާހަގަ ކުރާނަން މަގުހަދާއިރު އެޅިފައި ހުރި ޓްރެންޗުތަކާއި އެއްޗެހި ގުޅިފައި ހުރުން." މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް ބިން ހިއްކި ސަރަހައްދާއި ރަށާއި ދެމެދު ކޯރެއް ކޮނެފައި އޮތުމުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކުން ސަލާމަތްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

"ސިޓީ ކައުންސިލުންވެސް ރިކުއެސްޓު ކުރި އެ ޓްރެންޗު ނުލާ ބިން އެއްވަރުކޮށްފައި ބާއްވަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތަޖުރިބާއިން އެއީ ވަރަށް ބޮޑު ގެއްލުން ލިބޭނެ ކަމަކަށްވާތީ؛ އާންމުކޮށް ހިއްކެނީ ރަށަކަށްވުރެ އުސްކޮށް ކަމަށްވާތީވެ، ގުދުރުތަތީ ގޮތުން އޮންނަ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާތީ އަޅުގަނޑުމެން ހެދީ އެކަން ނުކުރާނެ ކަމަށް. އެހެންވީމަ އެ ޓްރެންޗް ލެވިފައި އޮތީމަ ވަރަށް ބޮޑެތި ގެއްލުންތަކުން ސަލާމަތްވި " މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ދެކުނުގެ ސަރަހައްދަށް ކުރި ބޯ ވިއްސާރައިގައި އައްޑޫސިޓީގެ 97 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ގެއްލުންވީ ފޭދޫއަށެވެ. ފޭދޫގެ 60 ގެއަކަށް ފެން ވަދެފައިވާއިރު، މަރަދޫގެ 13 ގެއަކަށް އަދި މަރަދޫ-ފޭދޫގެ 5 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ހިތަދޫ 9 ގެއަކަށް އަދި ހުޅުދޫ 10 ގެއެއްގައި ފެން ބޮޑުވެގެން ވަނީ ކަމާއި ބެހޭ އިދާރާތަކަށް ރިޕޯޓްކޮށްފައެވެ.

މޫސުމާއި ބެހޭ މިދިޔަ ހަފްތާގެ ބުދަ ދުވަހު އައްޑޫ އަދި ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފައިވާއިރު، އެއިދާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން 27 ޑިސެމްބަރުވީ ބުދަ ދުވަހު ހެނދުނު 8:00 އިން 28 ޑިސެމްބަރު ބުރާސްފަތި ދުވަހު ހެނދުނު 8:00 އާއި ހަމައަށް ސ. ގަމަށް 154 މިލިމީޓަރު ވާރޭ އަދި ސ. ހިތަދޫއަށް 110.1 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ފޭދޫގެ މަގުތަކުގައި ފެން ބޮޑުވެފައި / ފޮޓޯ: އައްޑޫލައިވް

އައްޑޫގެ އަވަށްތަކުގެ ޤާއިމް ކުރަމުންދާ ފެން ހިންދާ ނިޒާމުގެ 86 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެފްކޮންސް ކުންފުނިން ބުނެއެވެ. އަދި މިހާރު ކުރިއަށް ދަނީ 12 ޕަމްޕް ސްޓޭޝަނުގެ މަސައްކަތް ކަމަށް ވަނީ ހާމަކޮށްފައެވެ. ފޭދޫ ފިޔަވައި ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމު ޤާއިމް ކުރަން ހަވާލުކުރެވުނު ނަމަވެސް ފަހުން ބައެއް ބަދަލު ގެނެސް އިތުރު 2.5 ކިލޯމީޓަރުގެ ސްޓޯމް ވޯޓަރ ނިޒާމެއް ފޭދޫގައި އެޅުމަށްވެސް އެފްކޮންސް ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.

ސަރުކާރުން ވަނީ މި ޕަމްޕް ސްޓޭޝަންތަކަށް ކަރަންޓު ދޭން 6.5 މެގަވޯޓު ބޭނުންވާ ކަމަށާއި މިވަގުތު އެ ކޭޕޭސިޓީ ނެތުމުގެ މިވަގުތައް ކުދި ޕަމްޕްތަކެއް ހަރުކޮށްގެންވެސް މައްސަލަ ހައްލު ކުރެވޭތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.