ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ނުވަތަ އާބަންކޯގެ ދަށުން މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރާއިރު ބަދަލުވާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ނުގެނެސްވާނެ ގޮތެއް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެޗްޑީސީން ބަދަލުވާ ބައެއް މުވައްޒަފުންގެ ކަންބޮޑުވުން އެމަނިކުފާނާއި ހިސާބަށް ލިބިފައިވާ ކަމަށެވެ. އެއާއެކު އެމަނިކުފާނު ވަނީ އެއްވެސް މުވައްޒަފަކަށް ދަށް މުސާރައިގައި މަސައްކަތް ކުރުމަށް ނޫނީ އިނާޔަތްތައް އުނިކޮށްގެން ނުވަތަ މިހާރު ލިބޭ އިންޝުއަރެންސް ނުލިބޭ ގޮތަށް މަސައްކަތް ކުރުމަށް މަޖްބޫރު ނުކުރައްވާނެ ކަމަށެވެ.
މީގެ ކުރިން މުނިސިޕަލް ޚިދުމަތް ބަދަލު ކުރައްވާކަން އިއުލާންކުރައްވާ ރައީސް ވިދާޅުވީ، މުވައްޒަފުންނާއި ފުރިހަމަ މުސާރައާއި އިނާޔަތްތައް އެއް އަހަރު ދުވަހުގެ މުއްދަތައް ބަދަލު މެދުކެނޑުމެއް ނެތި ދޭނެ ކަމަށެވެ. ނަމަވެސް މިރޭ ރައީސް ވަނީ އެއް އަހަރު ފަހުން ވެސް އެ ބަދަލު ނާންނަ ގޮތަށް، ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން އެކަމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
I have received concerns from some staff of HDC regarding the shift of municipal services from HDC to MCC. I would like to give full assurance that none of the staff will end up being forced to accept a reduction in salary, insurance, or any other benefits they currently receive,… https://t.co/0apsdWKb1H
— Dr Mohamed Muizzu (@MMuizzu) January 5, 2024
މިވަގުތު ސިޓީ ކައުންސިލުގެ މުނިސިޕަލް ޚިދުމަތް ދޭ މުވައްޒަފުންނާއި އެޗްޑީސީގައި މުނިސިޕަލް ޚިދުމަތް ދޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދޭ އޮނިގަނޑުގައި ތަފާތު ހުރެއެވެ. އާންމުކޮށް ސަރުކާރު ކުންފުނިތަކުން ދޭ އިންޝުއަރެންސް އާއި އަދި އެހެނިހެން އިނާޔަތްތައް ސިވިލްސާވިސް ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވަލްސާވިސް މުވައްޒަފުންނަށް ނުލިބެއެވެ.
ހުޅުމާލެ މުނިސިޕަލް ޚިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އީއްޔެއެވެ. އެ އެއްބަސްވުމުގެ ދަށުން މުވައްޒަފުންނާއި ބޭނުން ކުރާ އާލަތްތަކާއި އުޅަނދުތައް އަދި ޖާގަ އެޗްޑީސީގެ ދަށުން މާލެސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރެވޭނެއެވެ.