އޭނައާ ބެހޭ ގޮތުން ސިޔާސީ ބައެއް ފަރާތްތަކުން ވެސް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ އެފަދަ ފަރާތްތަކަށް އަބުރުގެ ދައުވާކޮށްފާނެކަމުގެ އިޝާރާތެއް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ދެއްވައިފި އެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯ ވިދާޅުވީ އޭނައާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް ދައުވާކުރުމާ މެދު މިހާރު މަޝްވަރާ ވެސް ކުރެވެމުން އަންނަ ކަމަށެވެ.
ދާދި ފަހުން މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްސާ ޝަރީފް ވިދާޅުވީ މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އަށް އާޒިމް ޚިޔާނާތްތެރިވެވަޑައިގެންފައިވާކަ މަށާއި، ޚިޔާނާތުގެ އިތުރު ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވޭ ކަމަށެވެ.
އެ ތުހުމަތާ ގުޅުވައި އާޒިމު ވިދާޅުވީ އާޒިމް ވިދާޅުވީ އެފަދަ ބޮޑެތި ދޮގުތައް ހަދަމުން ދަނީ އޭނާގެ އަގު ވައްޓާލަން ކަމަށެވެ. އަދި އެފަދަ ވާހަކަތައް މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދައްކަވަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަަމަށް އާޒިމް ވިދާޅުވިއެވެ.
"މުއިއްޒު އާއި އޭނާގެ ގުރޫޕަކީ ދޮގު ހަދާ ކަމަށް ސާބިތުވެފަ އޮތް ބައެއް ނޫންތޯ؟ އަޅުގަނޑުގެ ފަހަތުން ނޯންނާނެ އެއްވެސް ގޯސްކަމެއް ﷲ އިރާދަކުރެއްވިއްޔާ،" އެމްޑީޕީގެ ޓިކެޓްގައި މޭޔަރު ކަމަށްވާ ވާދަކުރައްވާ އާޒިމް ވިދާޅުވި އެވެ. "ގޯސްކަމެއް ނުކުރާކަން އަޅުގަނޑަށް ޔަގީން. އެހެންވީމަ އަޅުގަނޑު ނުޖެހޭ ނޫންތޯ އެކަމާ ކަންބޮޑުވާކަށް."
މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާޒިމް ވިދާޅުވީ އޭނަގެ އަބަރު ގެއްލުވާލަން މަސައްކަތްކުރާ މީހުންނަށް ދައުވާ ކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ ގާނޫނީ ޓީމާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށްވާ ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކުރޫ ވެސް އޭނައާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރާ ނަމަ އަބުރުގެ ދައުވާ ކުރައްވާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ.