ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ އެއްވެސް ތާއީދެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އެފަދަ ބޭފުޅަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަށް އައްޑޫގެ ކައުންސިލަރު ހުސައިން ހިލްމީ ރޭ ގޮވާލައްވައިފި އެވެ.
އެމްޑީޕީން ރޭ ފޭދޫ ބަނދަރުމަތީގައި ބޭއްވި "އިންސާފުގެ މަގަށް ދިވެހިން" ގެ އެއްވުމުގައި ހިލްމީ ވިދާޅުވީ ރައީސް ޔާމީނަކީ ވެރިކަން ކުރެއްވުމުގެ ގާބިލްކަން ވެސް ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.
އަދި ރައްޔިތުންނަށް އަނިޔާވެރިވެ، ބޭއިންސާފު ކަން ކުރައްވާ ނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ އިސްތިއުފާ އަށް ގޮވާނެ ކަމަށް ހިލްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީންގެ ވެރިކަން ވެއްޓެން ދެން މާ ގިނަ ދުވަހެއް ވެސް ނުވާނެ ކަމަށެވެ. އަދި ވެއްޓޭ އިރަށް ރައްޔިތުން ތިބީ ފައިން އަރަން ތައްޔާރުވެގެން ކަމަށް ހިލްމީ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު އަދި ވިދާޅުވީ އިންތިހާބެއްގައި ވާދަކޮށްގެން ރައީސް ޔަމީނަށް 15 ޕަސަންޓް ވޯޓް ވެސް ނުލިބޭނެ ކަމަށެވެ. އަދި އެކަން ދެން އަންނަ އިންތިހާބެއްގައި ރައްޔިތުން ވަރަށް ސާފުކޮށް ދައްކައި ދޭނެ ކަމަށް ހިލްމީ ވިދާޅުވި އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ހިލްމީ ވިދާޅުވީ އައްޑޫ ތަރައްގީ ކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށެވެ.
އޭގެ ބަދަލުގައި ޔާމީން ބޭނުންފުޅު ވަނީ ގްރޭޓަ މާލެއަކާ ހުޅުމާލެއެއް ކަމަށް ހިލްމީ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެއިން ތަނަކަށް މައިންބަފައިންނާ ގާތްތިމާގެ މީހުން ދޫކޮށްލައިފައި އައްޑޫ ރައްޔިތަކު ހިޖުރަ ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދު ވެސް އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
އަދި ނަޝީދު މިހާރުން މިހާރަށް ދޫކޮށްލުމަށް ހިލްމީ ވަނީ ގޮވާލައްވައިފަ އެވެ.