މާލޭގެ މޭޔަރު ކަމަށް އާޒިމާ ޝުކޫރު ވާދަކުރައްވަން ނިންމެވީ އަބްދުއްރަހީމް އަބްދުﷲ އަދުރޭ) އަޑީގައި ހުންނަވައިގެން ކަމަށްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ މަލީހު ވިދާޅުވީ އަދުރޭ އަޑީގައި ހުންނަވައި އާޒިމާ ނެރެގެން އުޅުއްވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް ހުންނަވައިގެން ހިންގަވާފައިވާ ބޮޑެތި ގޯސްތައް ފަސް އަޅައި ފޮރުވަން ކަމަށެވެ.
"އެހެން މޭޔަރަކު އައިސްފި ނަމަ އެ ކަންކަން ބަލާނެތީ. ދެރައީ އެފަދަ މަޅިއެއްގައި ޖެހި އާޒިމާ އަބުރު އަމިއްލަ ފުޅަށް ވެއްޔާ މޮޑެމުން ގެންދަވާތީ." އޭނަ ވިދާޅުވީ އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި މުއިއްޒު ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެންނެވެ. ރައީސް މިހާރު ގެންދަވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އާޒިމާ އަށް ކެމްޕޭން ވެސް ކޮށް ދެއްވަމުންނެވެ. އެގޮތުން ރޭ އާޒިމާގެ މެނިފެސްޓޯ ލޯންޗްކުރަން ބޭއްވި ޖަލްސާ ވެސް ޝަރަފުވެރިކޮށް ދެއްވީ ރައީސެވެ.
އާޒިމާ އަށް ފާޑު ވިދާޅުވެ މަލީހު ވަނީ ބޭންކަށް ފިލައިގެން އުޅޭ މީހަކު މޭޔަރު ކަމަށް ގެނެސްގެން ހާސިލު ކުރަން އުޅެނީ ކޮން ކަމެއް ކުރަންތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.
އާޒިމާ އަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހަތަރު މިލިއަން ރުފިޔާ ދައްކަން ހުކުމެއް އިއްވާފައިވާ ބޭފުޅެކެވެ. އެއީ އެ ބޭންކުން ކުރީގެ އެޓާނީ ޖެނެރަލް ނެންގެވި ލޯނަކަށް ގަވައިދުން ފައިސާ ދައްކަމުން ނުދާތީ އެވެ.
މި މަހުގެ 13 ގައި ބާއްވާ މޭޔަރު ބައި-އިލެކްޝަންގައި އާޒިމާ އެކީ ހަތަރު ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އާޒިމާގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި އާޒިމް އާދަމާއި ޑިމޮކްރެކްޓްސްގެ ޓިކެޓްގައި ސައިފް ފާތިހުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން ޝުއައިބް އަލީ (ފުރަހަނި) އެވެ.