ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓްތަކުގެ މަހު ކުލި ކުޑަ ކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުއިއްޒު މިކަން މިއަދު އިއުލާން ކުރެއްވީ، ޕީއެންސީގެ ޓިކެޓް މާލޭގެ މޭޔަރު ކަމަށް މާލޭ ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހުޅުމާލެއަަށް ވަޑަައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ މީހުންނާ މުހާތަބު ކުރައްވައި ރައީީސް ވިދާޅުވީ، އަންނަ މަހުން ފެށިގެން ފުރަތަމަ ފިޔަވަހީގެ މަހު ކުލީގެ 20 ޕަސެންޓް ކުޑަކޮށް ދޭން ނިންމާފައިވާ ކަމަށެވެ.
"ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުގެ މަހުން މަހަށް ދައްކަން ޖެހޭ އަދަދަކަށް އަދި ސަރުކާރަކުން ލުޔެއް ނުދޭ. ގާތްގަނޑަކަށް 4000ރ. އިން ގޮސް 7000ރ. އާ ހަމައަށް ނޫނީ 6000ރ. އަދި މެއިންޓަނެންސް ފީ މި ދައްކަނީ ފޭސް އެކެއްގެ ފްލެޓްތަކަށް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު މިއަދު މިތަނުގައި އިއުލާން ކޮށްލަން ބޭނުން، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެން ދާނެ."
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ގެނެސްދެއްވި އެ ލުޔަކީ ގެދޮރުވެރިކަން އަތްފޯރާ ފަށަށް ގެންނަން ކުރައްވާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމުމެކެވެ.
"މި ލުއި އަޅުގަނޑުމެން ރައްޔިތުންނަށް މި ދެނީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް އޮތީ ހީނަރުވެފައި. އާމްދަނީ ވަރަށް ކުޑަ،" ރައީސް ވިދާޅުވި އެވެ. "ދައްކަން ޖެހޭ އެއްޗެއް މި ދެއްކެނީ ވަރަށް ހާލުގައި. ސަރުކާރުން މިކަމުގައި އެހީތެރިކަމެއް ދޭން ބޭނުންވާތީ ކުޑަ ކުރީ."