ރޯހިތު ޝެޓީގެ އާ ފިލްމާ ބެހޭ ގޮތުން ތަފާތު ގޮތްގޮތް ވާހަކަތައް ދެކެވެމުންދާތާ ދުވަސްތަކެއް ފަހުން އެ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
ފިލްމުގެ ނަމަކީ "ދިލްވާލޭ" އެވެ. ކުރިން ވެސް ބެލެވުނު ގޮތަށް ޝާހްރުކާ ހާނާ އެކު މި ފިލްމުން ކާޖޮލް އެނބުރި ސްކްރީނަށް އަންނާނެ އެވެ.
މިއީ 2010 ވަނަ އަހަރު ރިލީޒްވި "މައި ނޭމް އިޒް ހާން" އަށް ފަހު ޝާހްރުކާއި ކާޖޮލް އެކުގައި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ. މިއީ އެ ފިލްމަށް ފަހު ކާޖޮލް ކުޅޭ ފުރަތަމަ ފިލްމް ވެސް މެ އެވެ.
"ދިލްވާލޭ" ގެ މުހިއްމު ރޯލްތަކުން ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ކިރިތީ ސެނަން ފެނިގެން ދާނެ އެވެ.
މީގެ އިތުރުން ޖޯނީ ލީވާ، "ފުކްރޭ" އިން ބޮލީވުޑަށް ނިކުތް ވަރުން ޝަރްމާ، ވިނޯދް ކަންނާ އަދި ކަބީރު ބޭދީ ފަދަ ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމުގެ ޝޫޓިން އިއްޔެ ރަސްމީކޮށް ފެށުމާ އެކު، ޑައިރެކްޓަރު ރޯހިތާއި ވަރުން ވަނީ ކްރޫ އެކު ގްރޫޕް ސެލްފީއެއް ވެސް ނަގައިފަ އެވެ. އެ ފޮޓޯ ވަރުން ވަނި އޭނާގެ ޓްވިޓާގައި ޕޯސްޓް ވެސްކޮށްފަ އެވެ.
"ދިލްވާލޭ" ގެ ޝޫޓިން ފެށީ ވަރުން އާ އެކުގަ އެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކިރިތީ ވެސް ކްރޫ އާ ގުޅޭނެ އެވެ. އެކަމާ ވަަރަށް ބޮޑަށް އުފާވެފައި ހުރެ، އޭނާ ވަނީ ޓްވިޓާގައި ވެސް ފޭނުންނަށ އޭނާ އުފާވެފައި ހުރި ވަރު ހިއްސާކޮށްފަ އެވެ.
ޝާހްރުކާއި ކާޖޮލް ކްރޫ އާ ގުޅޭނީ އަދި ތަންކޮޅެއް ފަހުންނެވެ. ޝާހްރުކް މި ވަގުތު ހުރީ "ފޭން" ގެ ޝޫޓިން އަށް ކްރޮއޭޝިއާ އަށް ގޮހެވެ.
"ދިލްވާލޭ" އަކީ 2013 ގެ ބްލޮކްބަސްޓާ "ޗެންނައި އެކްސްޕްރެސް" އަށް ފަހު، ޝާހްރުކާއި ރޯހިތު އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ހާއްސަ ފެނިލުމަކުން ކާޖޮލްގެ ފިރިމީހާ އަދި "ދިލްވާލޭ" ގެ ނަމުގައި ކުރިން ގެނެސް ދިން ފިލްމެއްގައި މުހިއްމު ރޯލެއް ކުޅުނު އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެ އެވެ.