Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރަނީ

އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަަށް މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުން ހާމަކުރަމުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި ނިންމުމުގައިވާ ގޮތުން އަންނަ އަހަރުން ފެށިގެން ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރާނެ ކަމަށާއި އަދި 2026 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ފަށާނީ ޖެނުއަރީގައި ކަމަށެވެ.

"އޭގެ މާނައަކީ، ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

މި ބަދަލު ގެންނާނީ ކުދީންގެ ކިޔެވުމަށް ދަތި ނުވާނެ ގޮތެއްގެ މަތީން ކަމަށާއި އެ ބަދަލުތައް އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ތަފްސީލުކޮށް ހާމަ ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިހާރު އޮތް ގޮތަށް ކުރީ ސަރުކާރުން ބަދަލުކުރީ ޑިސެމްބަރަކީ ޓޫރިޒަމް ޕީކް ސީޒަނަށް ވެފައި އެ ދުވަސްވަރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ އާއިލާތަކާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ނުލިބޭތީ އެ މުވައްޒަފުން ސަރުކާރަށް ހުށަހަޅައިގެންނެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ދިރާސީ އަހަރު ފެށޭ ދުވަސް ކުރީން އޮތްގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.