އިންޑިއާގައި ބާއްވަމުން އަންނަ އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ތެރޭގައި 2012 ވަނަ އަހަރު، މުމްބާއީގެ ވެންކެޅެ ސްޓޭޑިއަމްގައި ކުޑަކުދިން ތިބި ތަނެއްގައި ބޭއަދަބީ ބަހުން ސްޓޭޑިއަމްގެ އޮފިޝަލުންނާ މުހާތަބުކޮށް، އެތަނުގެ ތެރޭގައި ހާޖާނު އުފެއްދި މައްސަލާގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާނާ ދެކޮޅަށް މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ ހާދިސާ ހިނގިތާ ހަތަރު ވަރަކަށް އަހަރު ފަހުން މި މައްސަލަ ފެންމަތިކޮށް، މައްސަލަ ހުށަހަޅާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މަހާރަޝްތުރާ ސްޓޭޓް ކޮމިޝަން ފޮ ޗައިލްޑް ރައިޓްސް (އެމްއެސްސީސީއާރް) ގެ ފަރާތުންނެވެ.
އެ ކޮމިޝަންގެ ސެކްރެޓަރީ އޭއެން. ޓްރިޕަތީ ޝާހްރުކްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނުލް އުގުބާތުގައި ކުޑަކުދިިންގެ ހައްގުތަކާ ބެހޭ މާއްދާތަކާ ހަވާލާ ވެސް ދީފަ އެވެ.
މި މައްސަލައިގެ ޝާރުކްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ހިންގައިފި ނަމަ އޭނާގެ މައްޗަށް ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
މި ހާދިސާ ހިނގީ މެއި 16، 2012 ގައި ޝާހްރުކްގެ ޓީމް ކޮލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އާއި މުމްބާއީ އިންޑިއަންސް ބައްދަލު ކުރި ދުވަހު އެވެ.
އެ ދުވަހު ޝާހްރުކްގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނުނީ އޭނާގެ އަންހެން ދަރިފުޅު ސުހާނާ ވެސް ހިމެނޭ ގޮތަށް، ސްޓޭޑިއަމް ތެރޭގައި ތިބި ކުދިންތަކެއް، އެ ތަނުގެ ސެކިއުރިޓީން މާ ހަރުކަށިކޮށް ނެރެން އުޅުމުން އެކަމާ ހިތްހަމަނުޖެހިން ހިނގި ޒުވާބްގަނޑެއްގެ ތެރޭގަ އެވެ.
މި މައްސަލާގައި މުމްބާއީ ކްރިކެޓް އެސޯސިއޭޝަން (އެމްސީއޭ) އާ ދެމެދު ވެސް ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، މާރާމާރީ ހިންގާ ހިސާބަށް ގޮސް، މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. އަދި ފަހުން ޝާހްރުކާ ދޭތެރޭ ވަނީ ހަރުކަށި ފިޔަވަޅެއް ވެސް އަޅައިފަ އެވެ.
އެއީ ފަސް އަހަރު ވަންދެން ވެންކެޅެ ސްޓޭޑިއަމަށް އޭނާ ވަނުން މަނާ ކުރުމެވެ. އެކަމަކު ފަހުން ވަނީ އެ ފިޔަވަޅު ނަގައިފަ އެވެ.
އެހެން ނަމަވެސް އެ ދުވަހު ހިނގި ހާދިސާއަކީ ނުބަލައި ދޫކޮށްލަން ޖެހޭ ވަރަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށް އެމްއެސްސީސީއާރް އިން ދެކެ އެވެ.
އެހެންވެ ފުލުހުން އެ މައްސަލަ ބަލައި، ޝާހްރުކާ ދޭތެރޭ ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.
މި މައްސަލާގައި އެމްއެސްސީސީއާރުން ކުރިއަށް ދާން ބޭނުން ވަނީ ޝާހްރުކްގެ ފަރާތުން ފެނުނު އެކަށީގެން ނުވާ ފަދަ އެ އަމަލާ ގުޅިގެން ބައެއް ފަރާތްތަކުން އެ ޝަކުވާ ކޮމިޝަނަށް ވެސް ހުށަހަޅާފައިވާތީ އެވެ.
ކުޑަކުދިން ތިބި ތަނެއްގައި މުއާމަލާތްކޮށްގެން ނުވާނެ ފަދަ ބޭއަދަބީ ބޭސްތައް ބޭނުންކޮށް، ހޫނުވި ޒުވާބުގަނޑުގެ މައްސަލަ އެންމެ ފުރަތަަމަ އެމްއެސްސީސީއާރް އަށް ހުށަހެޅީ ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ އަމިތު މާރޫ އެވެ.
އޭނާ މައްސަލަ ރިޕޯޓް ކުރީ ޝާހްރުކްގެ ފަރާތުން ފެނުނު އަމަލަކީ އދ ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮންވެންޝަނާ ވެސް ހިލާފަށް ހިންގާފައިވާ ސީރިއަސް އަމަލެއް ކަމަށް ބުނެ އެވެ. އަދި އެއީ ވަކި މީހެއްގެ ފަރާތުން ހިނގި ކަމެއް ކަމަށްވާތީ އެކަން ނުބަލައި ދޫކޮށްލައިގެން ނުވާނެ ކަމަށް އަމިތު ބުންޏެވެ.