Last Updated: September 22, 20:26
Sunday, September 22, 2024
ދުނިޔެ

މި ފަހަރު ވެސް މޮޅުވީ ހަސީނާ

ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފައި ވަނިކޮށް އިއްޔެ ބޭއްވި ބަންގްލަދޭޝްގައި ބޭއްވި އާންްމު އިންތިހާބު ސަރުކާރު ހިންގާ ޕާޓީ، އަވާމީ ލީގުން ކާމިޔާބުކޮށްފި އެވެ.

ގިނަ ބަޔަކު ވޯޓްލާން ވެސް ނިކުންނަ މި އިންތިހާބުގައި އަވާމީ ލީގުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑި އަށް ވާދަކޮށް 223 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މި ނަތީޖާއާ އެކީ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް މި ވަނީ ޖެހިޖެހިގެން ވެރިކަމުގެ ހަތަރު ވަނަ ދައުރެއް ކަށަވަރުވެފަ އެވެ. އަދި މިއީ އެ ކަމަނާ އަށް ލިބިވަޑައިގަތް ފަސް ވަނަ ދައުރެވެ.

މި އިންތިހާބުގައި މިނިވަން ކެންޑިޑޭޓުން 63 ގޮނޑި ކާމިޔާބުކުރި އިރު، ޖަތިޔާ ޕާޓީ އަށް 11 ގޮނޑި ލިބުނެވެ.

ކުރިން ވެސް ބެލެވުނު ގޮތަށް ހަސީނާ، 76، ކުރި ހޯއްދެވި އިންތިހާބު ބޭއްވީ ބަންގްލަދޭޝްގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން އިންތިހާބު ބޮއިކޮޓްކޮށްފައި ވަނިކޮށެވެ. އިންތިހާބުގެ ކުރިން ހަސީނާ އިސްތިއުފާ ދެއްވައި އިންތިގާލީ ސަރުކާރެއްގެ ދަށުން އިންތިހާބު ބާއްވާ އެ ޕާޓީން އެދުނެވެ. ނަމަވެސް ހަސީނާ އެގޮތް ގަބޫލެއް ނުކުރައްވައި އިންތިހާބު ބޭއްވީ އިދިކޮޅު ގިނަ ޕާޓީތަކާ ނުލަ އެވެ.

ހަސީނާ އެންމެ ފުރަތަމަ ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 1996 ގަ އެވެ. އެ ކަމަނާ އަކީ ބަންގްލަދޭޝްގެ ރައީސްކަމާއި ބޮޑުވަޒީރުކަން ކުރެއްވި ޝެއިގް މުޖީބުއް ރަހްމާންގެ ދަރިކަނބަލެކެވެ.