ލަކްޝަދީޕް ޕްރޮމޯޓް ކުރުމަށް އިންޑިއާ މިނިސްޓަރަކު ރާއްޖޭގެ ފޮޓޯތަކެއް ބޭނުން ކޮށްފިއެވެ.
އިންޑިއާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕްއަށް ކުރި ދަތުރާއި ގުޅިގެން ކުރި ޕޯސްޓެއްގައި ރާއްޖޭގެ ފޮޓޯ ބޭނުންކޮށްފައިވަނީ، އިންޑިއާގެ އާތް ސައިސު މިނިސްޓަރެވެ. އޭނާ އަކީ އެ ޤައުމުގެ ތިމާވެއްޓާއި ބެހޭ މިނިސްޓަރެވެ. އޭނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމީއްޔާތަށް އިންޑިއާގެ ފަރާތުން ފޮނުވި އެންމެ އޮފިޝަލުވެސްމެއެވެ.
އޭނާ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ރާއްޖޭގެ ޕްރޮމޯޝަނަށް ބޭނުން ކުރާ ދެ ފޮޓޯއެއް ވަނީ ޖަހާފައެވެ. އެގޮތުން އެއް ފޮޓޯގެ ގޮތުގައި ބޭނުންކޮށްފައިވާ ރަށެއް ކައިރިން ކެނޯ ދުއްވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަކީ 2015 އިން ފެށިގެން، ރާއްޖޭގެ ޕްރޮމޯޓް ކުރުމަށް އެކި ތަންތަނުގައި ބޭނުން ކުރަމުންދާ ފޮޓޯއެކެވެ. އަދި ދެން ފެންނަ ސްނޯކްލިން ފޮޓޯ އަކީ 2012 ވަނަ އަހަރު ރާއްޖޭގެ ރިސޯޓެއް ކައިރީ މީހަކު ސްނޯކަލް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ އަކީވެސް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން ޕްރޮމޯޝަނަށް އަހާ ހިސާބުން ފެށިގެން މިހާތަނަށް ބޭނުން ކުރާ ފޮޓޯއެކެވެ.
މި ފޮޓޯތަކުގެ އިތުރުން އިންޑިއާގެ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން އަދި ބައެއް ވެބްސައިޓުތަކުގައިވެސް ލަކްޝަދީޕް ނަމުގައި ރާއްޖޭގެ ރިސޯޓުތަކުގެ ފޮޓޯތައް ދަނީ ބޭނުން ކުރަމުންނެވެ. އަދި މިކަން ސޯޝަލް މީޑިއާގައި ބައެއް ދިވެހިން ދަނީ ފާހަގަވެސް ކުރަމުންނެވެ.
އިންޑީއާއިން އެ ޤައުމުގެ ޔޫނިން ޓެރެޓަރީތަކުގެ ތެރޭ ހިމެނޭ ލަކްޝަދީޕް ރައްތައް ޕްރޮމޯޓް ކުރުމަށް ހިފާފައި މިވަނީ، ބޮޑުވަޒީރު މޯދީގެ ވަޢުދުތަކަކާއި އެކުއެވެ. މިކަމުގެ ތެރޭގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއްވެސް ދަނީ ކުރަމުންނެވެ.
މިކެމްޕެއިންނަށް ރައްދު ދިނުމުގެ ތެރެއިން ރާއްޖޭގެ ތިން ނައިބަކު ބޮޑުވަޒީރު މޯދީއަށް މަލާމާތް ނިސްބަތްވާ ގޮތަށް ޕޯސްޓު ކުރުމުން ދިވެހި ސަރުކާރުން ވަނީ އެ ބޭފުޅުން ސަސްޕެންޑް ކޮށްފައެވެ.