އެއްފަހަރާ ގިނަ އަދަދެއްގެ ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް އިންޑިގޯ އެއާލައިންސް ދޮގުކޮށްފިއެވެ.
ރާއްޖެއާއި އިންޑީއާއި ދެމެދު އެންމެ ގިނަ ދަތުރަތައް އަޅާ އެއް ބަޖެޓް އެއާލައިން ކަމުގައިވާ އިންޑިގޯގެ އޮފިޝަލަކާއި ހަވާލާދީ ވިއޯއިން ބުނެފައިވަނީ އެއްފަހަރާ އާދަޔާ ޚިލާފަށް ގިނަ ބުކިންތައް ކެންސަލް ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ވިއޯން އަކާއި އިންޑިގޯއިން ހިއްސާކޮށްފައެއް ނުވެއެވެ.
އީއްޔެއިން ފެށިގެން އިންޑިއާގެ ސޯޝަލް އެކައުންޓުތަކުން ދަނީ ރާއްޖެއަށް ކޮށްފައިވާ ބުކިންތައް ކެންސަލް ކުރަމުން މީހުންދާ ކަމަށް ބުނަމުންނެވެ. އެގޮތުން 2500 ފްލައިޓު ބުކިން އާއި 5000 އަށް ވުރެ ގިނަ ހޮޓަލް ބުކިން ކެންސަލްވި ކަމަށް ބުނެއެވެ. އަދި ބައެއް މީހުން އަމިއްލައަށް ކެންސަލްކޮށްފައިވާ ކަމަށްވެސް ދައުވާ ކުރެއެވެ. މިގޮތަށް ކޮށްފައިވާ ބައެއް ޕޯސްޓުތައް އެކި މީހުން ނަމުގައިވެސް ކޮށްފައި އެބަހުއްޓެވެ.
ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އަދި މި ކެމްޕެއިންގެ ސަބަބުން ކުރި އަސަރެއްގެ ވާހަކަ ނުދައްކައެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ދެކޮޅަށް އިންޑިއާއިން ސޯޝަލް މީޑިއާ ކެމްޕެއިނެއް ހިންގަމުންދާއިރު، ރާއްޖެއަށް އޮޕަރޭޓް ކުރާ އެއާލައިންތަކުން ދަތުރުތައް ހުއްޓާލުމަށްވެސް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމީއްޔާއަކުން ވަނީ ގޮވާލާފައެވެ.
ދާއިރާގެ ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި މި ކެމްޕެއިންގެ އަސަރު އަދި ފެންނަން ދުވަސްތަކެއް ނަގާނެއެވެ. އެއީ ގިނަ މީހުން ބުކިންތައް ހަދަނީ ކުރިއާލާ ދަތުރު ކުރުމަށް ކަމަށްވުމުންނެވެ. މީގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމަށް ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އިންޑީއާއެކު މިވަގުތު އެކުވެރިކަމުގެ ގުޅުމެއް ދެމެހެއްޓުމަށް ދަނީ ގޮވާލަމުންނެވެ.