Last Updated: November 23, 21:59
Saturday, November 23, 2024
ރިޕޯޓް

އިސްލާމީ ނަޒަރަކުން ކުއްތާ

2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ރާއްޖެ ގެނައި ކުއްތާތަކަކާއެކު ލަންކާ ފުލުހުން ހަރަކާތް ތެރިވަނީ.

އިސްލާމް ދީނަކީ ފިޠުރަތުގެ ސާފު ދީނެކެވެ. އެ ދީން އިންސާނާ މާތްކުރައްވައި ޝަރަފްވެރި ކުރެއްވި އެވެ. ފައިދާ ހުރި ކަންކަން ހުއްދަ ކުރައްވައި ގެއްލުން ހުރިކަންކަން މަނާ ކުރެއްވެވި އެވެ. އަދި ގެއްލުމަށް ވުރެ ފައިދާ ބޮޑު އެއްމެހައިކަ ންކަމާއި ތަކެތި ހުއްދަކުރެ އެވެ. ފައިދާއަށް ވުރެން ގެއްލުން ބޮޑު ކޮންމެ ކަމެއް ނުވަތަ އެއްޗެއް އެދީން މީސްތަކުންނަށް މަނާ ކުރެތެވެ.

މުޅި އިންސާނިއްޔަތުގެ ރޫހާނީ އަދި ޖިސްމާނީ މަޞްލަޙަތު ރައްކާތެރި ކޮށްދޭ ޝާމިލު ޙައްޤު ހަމައެކަނި ދީން ކަމުގައި އިސްލާމްދީން ވި އެވެ.

މުޅި ކުއްތާއަކީ ނަޖިހެކެވެ. އިސްލާމް ދީން ހުއްދަ ކުރާ ކަންކަމުގައި މެނުވީ ކުއްތާ ބޭނުން ކުރުމަކީ މުސްލިމުންގެ އިތުރުން ކާފަރުންނަށް ވެސް ނުހަނު ގެއްލުން ހުރި ކަމެކެވެ.

ކުއްތާގެ އަނގައިގެ ތެއްކަން ނުވަތަ އެތެތްކަން އުނގުޅިފައިވާ ތަނަކުން މީހެއްގެ ގައިގައި ނުވަތަ ފޭރާމުގައި ޖެހިއްޖެ ނަމަ އެތަނެއް ހަތް ފަހަރު ދޮންނަން ޖެހޭނެ އެވެ.

އޭގެ ތެރެއިން އެއްފަހަރު ވެލިލައިގެން ދޮންނަން ލާޒިމެވެ. ސައިބޯނި ނުވަތަ ޝޭމްޕޫ ނުވަތަ އެފަދަ އެހެން އެއްޗެއް ވެލީގެ މަޤާމުގައި ބޭނުން ކުރުމަކުން ނުފުދޭނެ އެވެ.

ކުއްތާގެ ނަޖިސް ފިލުވައިލުމަށް އެއްމެމޮޅު އެއްޗަކީ ވެއްޔެވެ. މިއަދުގެ ސައިންސްވެސް މިކަމަށް އިޤްރާރުވެ އެވެ.

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި އެވެ. ((إذا ولغ الكلب في إناء أحدكم فليغسله سبعاً. ولمسلم: أولاهن بالتراب)) މާނައަކީ؛ "ތިޔައިގެ ތެރެއިން މީހެއްގެ ކަންވާރަކަށް ކުއްތާ ދޫ ބާނައިފިނަމަ އެކަންވާރެއް ހަތް ފަހަރު ދޮންނާށެވެ. އެއިން އެއްފަހަރު ވެލިލައިގެން ދޮންނާށެވެ."

ތެމިފައި ނުވަތަ ތެތްކޮށް އޮންނަކުއްތާ ފިޔަވައި ހިކިކޮށް އޮންނަ ކުއްތާ ކޭއްތިލުމަކުން އެސޮރު އެކޭއްތޭތަން ނަޖިހެއް ނުވާނެ އެވެ. ދޮންނާކަށްވެސް ނުމެޖެހޭނެ އެވެ. އެހެން ނަމަވެސް ހުރިހާ މަގަގުން ކުއްތާއިން ދުރުވެ ހުރުން ރައްކާތެރި އެވެ.

އިސްލާމް ދީނުގައި ކުއްތާ ބޭނުން ކުރުން ހުއްދައީ؛ ޙިރާސާ (ވަގުންހިފުމަށް ބޭނުންކުރާ ކުއްތާ)އަށާއި ޝިކާރު ކުރުވުމަށާއި، ބަކަރި ހުއިހެއްޕެވުމަށެވެ. "ސްނިފަޑޯގް" ހިމެނެނީ ޙިރާސާގެ ތެރިއިންނެވެ. މިކުއްތާތަށް ތަމްރީން ކުރެވެން ޖެހޭނީ އިސްލާމްދީން މިކަމަށް އިސްލާމްދީން ކަނޑައަޅާ މަތިވެރި އުޞޫލުގެ ދަށުންނެވެ.

ކުއްތާއެއް ގެންގުޅޭ ނުވަތަ އޮންނަ ގެއަކަށް މަލާއިކަތުން ކުއްތަން ނުވާނެ ކަމަށް ޞައްޙަ ޙަދީޘްފުޅުން ޘާބިތެވެ. މާތްﷲ އެކަލާނގެ އެއްމެ ސީދާވެގެންވާ މަގުން ހިނގުމުގެ ހެޔޮ ތައުފީޤް އަޅަމެނަށް ދެއްވާނދޭވެ.

ނޯޓް: މި ލިޔުމަކީ ޖޫން 9، 2012 ގައި ނޫރުލް އިސްލާމް ވެބްސައިޓްގައި ޝެއިހް ޢަބްދުﷲ ޞިއްދީޤް ލިޔުއްވާފައިވާ ލިޔުމެކެވެ.