Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

އެފްޓީއޭގެ ދަށުން ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުވާނެ

ފޮޓޯ: ރައީސް އޮފީސް

ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެ ކަމަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒުވަނީ ރާއްޖޭގެ މައި އެއާޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވާ، އެ މަޝްރޫއުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށެވެ. އަދި ހާއްސަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާސިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އަނބިކަނބަލުން އަދި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.