ނުހައްގު މުއްސަނދިކަން ހޯދުމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ އެފަދަ ކުށްތަކުން މުދަލާއި ފައިސާ ހޯދުން ހުއްޓުވުމަށް ފުލުހުންނާއޮ ޕްރޮސެކިއުޓަ ޖެރެނަލް ޕީޖީ) އޮފީހާ ދެމެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ހުންނެވީ ޕޮލިސް ކޮމިޝަރު އަލީ ޝުޖާއު އެވެ. ޕީޖީ އޮފީހުގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ޕީޖީ ހުސައިން ޝަމީމެވެ.
ބައްދަލުވުމުގައި ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެ އިދާރާއިން ގުޅިގެން ކުރަން ހުރި ކަންކަމާ ބެހޭ ގޮތުން ފުޅާކޮށް މަޝްވަރާކޮށްފަ އެވެ.
އެގޮތުން ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ.
ސިޕީ ވަނީ ބައްދަލުވުމުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެ ތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގުމަށް ޤަޞްދުކުރާ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ވެސް ޕީޖީއާ ހިއްސާކުރައްވައިފަ އެވެ.
ޕީޖީ ވިދާޅުވީ ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ލިބޭނެ ކަމަށެވެ.