Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

ރައީސް އަޒުލުކުރުމުގެ ވާހަކައަށް މަހުލޫފުގެ ފާޑުކިޔުން

އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައަށް އެމްޑީޕީ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް އެކްސްގައި ކުރި ޕޯސްޓްގެ މައްސަލަ ހޫނުވެފައިވަނިކޮށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ރައީސް މުއިއްޒު އަޒުލުކުރުމުގެ ވޯޓު ވެއްދުމަށް އެމްޑީޕީއަށް ކެރޭނެތޯ އަދި އެކަމަށް ތައްޔާރަށް އޮތްތޯ ސުވާލު އުފައްދަވާފައެވެ.

އެ ވާހަކައަށް ރައްދު ދެއްވާ މަހުލޫފް އެކްސްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިހާބުވެވަޑައިގަތީ އަލީ އާޒިމާއި އަލީ އާޒިމް ނިސްބަތްވާ ޕާޓީ 'ދަ ޑިމޮކްރެޓްސް'ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ ސުވާލު އުފައްދަވާފައެވެ.

"އަދި މިސަރުކާރަށް 2 މަސް ނުވޭ. ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން / ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު. އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އިންތިހާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ ކަމަށެވެ.

ރައީސް މުއިއްޒު އަޒުލުކުރުމުގެ ވާހަކަ އަލީ އާޒިމް ދެއްކެވުމުން މަހުލޫފް އެކަމަށް ފާޅުގައި ފާޑުވިދާޅުވިއިރު، މަހުލޫފް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ތަކުރާރުކޮށް އެކި ފަހަރުމަތިން ވަނީ ރައިސް މުއިއްޒު އަޒުލުކުރުމަށް ގޮވާލާ ވާހަކަ ދައްކަވާފައެވެ. އެހެންނަމަވެސް އޭރު މަހުލޫފް އެއިން އެއްވެސް ކަމަކަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.