Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

ޓޫރިޒަމް ދާއިރާ އިން އާ އެވޯޑެއް ތައާރަފުކޮށްފި

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން މަސައްކަތް ކުރަމުން އަންނަ ހޮޓެލިއާ މޯލްޑިވްސް އިން އެ ދާއިރާގެ މަސައްކަތްތެރިންނަށް ދޭ އެވޯޑެއް ތައާރަފުކޮށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން މި ފަހަރު މައިގަނޑު ފަސް ދާއިރާއަކުން 21 އެވޯޑް ދޭން ނިންމައިފަ އެވެ. އެ ދާއިރާތަކަކީ ހައުސް ކީޕިން، އިންޖިނިއަރިން، ފުޑް އެންޑް ބެވަރޭޖު، ސްޕާ އެންޑް ވެލްނެސް އަދި ސޭލްސް އެންޑް މާކެޓިން ކަމަށެވެ.

އެވޯޑްތަކަށް ރިސޯޠްތަކުގެ މުވައްޒަފުންނަށް ކުރިމަތިލާން މި މަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ. މި ލިންކް hoteliermaldives.com/awards މެދުވެރިކޮށް އެވޯޑަށް ނަން ހުށަހެޅޭނެ އެވެ.

ހޮޓެލިއާ މޯލްޑިވްސް އިން ބުނީ ރިސޯޓުތަކުން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެވޯޑަށް ނޮމިނޭޓުވާ މުވައްޒަފުން އަންނަ މަހުގެ ފަހުކޮޅު އިއުލާންކޮށް، އެވޯޑު ހަފުލާ ބާއްވާނީ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ.

ހޮޓެލިއާ މޯލްޑިވްސްގެ ނަމުގައި މަޖައްލާ ވެސް ނެރެމުން އަންނަ އިރު އެތަނުން ބުނީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް އެވޯޑެއް ތައާރަފުކުރަން ނިންމީީ އެ ވަރަށް ބުރަކޮށް މަސައްކަތްކުރާ ހިދުމަތްތެރިން ތިބުމާ އެކީ އެ މީހުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.