ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބެއިޖިންގައި ހުންނަ ޗައިނީޒް ކޮމިއުނިސްޓް ޕާޓީ މިއުޒިމަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުންގެ ޒިޔާރަތުގައި މިއުޒިއަމުގެ ފަރާތުން އެ ދެ ކަނބަލުންނަށް ޗައިނާގެ ތާރީޚީ މުހިންމު ކަންކަމާއި ސަގާފަތާއި އަދި މިއުޒިއަމާ ބެހޭ ތަޢާރަފެއް އަރުވާފައިވެ އެވެ. އަދި މިއުޒިއަމުގެ އެކި ތަންތަން ބައްލަވައިލެއްވި އެވެ.
މި ޒިޔާރަތުގައި، ރައީސްގެ ދެކަނބަލުން މިއުޒިއަމަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ވެސް ކުރެއްވިއެވެ. ރައީސް ލިޔުއްވި މެސެޖުގައި، މިއުޒިއަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީޚާއި ޕާޓީއަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް ވަރަށް ތަފްސީލުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވި އެވެ. އަދި ތާރީޚުގެ މި މުހިންމު ދުވަސްތައް ރައްކާތެރިކަމާއެކު ފެންނަން ހުންނާނެގޮތަށް ހެދުމަށް ކޮށްފައިވާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.
ރައީސް ޗައިނާ އަށް ކުރައްވަމުން ގެންދަވާ މި ދަތުރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.