ޗައިނާގެ ރައީސް ޝީ ޖިންޕިން ރައިސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސްގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ދަނީ ޒިޔާރަތް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ރޭގެ ވަގުތެއްގައި ރައީސް އަދި ސަރުކާރުގެ ވަފުދު ވަނީ ބައިޖިންގް އަށް ވަޑައިގެންފައެވެ.
މިއަދު ޗައިނާ ސަރުކާރުގެ ފަރާތުން ރައީސްއަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައިވާއިރު، މަރުހަބާ ދެންނެވީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިން އަދި އަދި އަނބިކަބަލުން ޕެންގް ލިޔުއާންއެވެ. މި މަރުހަބާގައި ދެ ޤައުމުގެ ޤައުމީ ސަލާމާއި އެކު 21 ބަޑީގެ ސަލާމެއް ވަނީ ރައީސް އަށް އަރުވާފައެވެ. އަދި ޗައިނާގެ ރައީސް އަރިހުގައި އެ ޤައުމުގެ ގާޑް އޮފް އޮނަރ ވަނީ ބައްލަވާފައެވެ.
މި މަރުހަބާއަށް ފަހު ޗައިނާ ސަރުކާރުގެ އިސްވެރިންނާއި ދިވެހި ސަރުކާރުގެ ވަފުދުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ ތައާރަފް ވެފައެވެ. އަދި މި ބައްދަލުވުމަށް ފަހު ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ފަށާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ގުޅިގެން ކުރެވޭނެ ގިނަ ކަންކަމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިގޮތުން ރައީސް އަދި ދިވެހި ސަރުކާރުގެ ވަފުދު ވަނީ ޗައިނާގައި ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންވެސްޓް މޯލްޑިވްސް ނަމުގައި ފޯރަމެއްވެސް ބާއްވައި ޗައިނާ ކުންފުނިތަކަށް ދިވެހި ރާއްޖޭގައި ހުރި ފުރުސަތުތައް ހާމަކޮށްދެއްވާފައެވެ.