ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަޅާފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލަސްކުރާ ކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން 4000 ފުލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒްޓަގައި އިއުލާނުކޮށް އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށްގެންގޮސް ގުރުއަތުން ނެގިފައިވާ ފުލެޓް އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާއިރު، މިއަދާ ހަމައަށްވެސް ފުލެޓް ހަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުގެންދާ ކަމަށެވެ.
އެމްޑީޕީން ބުނެފައިވަނީ ފުލެޓް ލިބޭ ފަރާތްތަކުން އެކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރުވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާތީ އެކަމުގެ ޝަކުވާ އެމްޑީޕީއަށްވެސް ހުށަހަޅަމުންދާކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ މުއިއްޒު ދައްކަވަމުންދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެކެވެ." އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނެފައިވަނީ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓް ހަވާލުކުރުން ޑރ މުއިއްޒު ސަރުކާރު ހިންގުމާ ހަވާލުވީ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް ގޮވާލާފައިވެއެވެ.
ފްލެޓްތައް ދިނުމުގެ މަސައްލަތް ހުއްޓިފައިއޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ. އޭގެފަހުން ފްލެޓްތައް ދޫކުރަން މިއަދު ފަށާނެ ކަމަށްބުނެ ސޯޝަލްމީޑިއާގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ނޫސްބަޔާނެއް ނެރެ ބުނެފައިވަނީ، އެ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މިއަދު ފްލެޓްތައް ހަވާލުކުރާނެ ކަމަށް ބުނެ އެއްވެސް ވާހަކައެއް ހައުސިން މިނިސްޓްރީން އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.