ލ. މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު އާއި މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމެވެ.
އެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ މާބައިދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިއުމާ އެކު ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ސީޕީ ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ޚިދުމަތް މުހިންމު ވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަމާއި ޖިނާޢީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒް ކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށް ދިނުމަށް ކަމަށް ކަމަށެވެ.
ސީޕީ ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާވައި، އިންތިޒާމުކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުން މާބައިދޫގައި ވެސް ފުލުހުންގެ ޚިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދިނުމާއި ފުލުހުން އިތުރަށް ހަރުދަނާ ކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ގާއިމްކޮށް ދިނުމާއި ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.