ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ގޭންގްތަކާ ގުޅުން ބާއްވާކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމުން ސިފައިންނާއި ފުލުހުން ތިބީ ހިތްހަމަނުޖެހިފައި ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމިނާއި ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ގޭންގްތަކާ ގުޅިގެން ކުރަމުންދާ ކަންކަން ސިފައިންނާއި ފުލުހުންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
އަދި މިކަމާ ގުޅިގެން އެ ދެ މުއައްސަސާގެ އިސްވެރިން ހިތްހަމަނުޖެހިފައިވާކަން ވަރަށް ސާފުކޮށް ޔަޤީން ކުރެވޭ ގޮތަށް އެ ބޭފުޅުން ވާހަކަދައްކަވަމުން ގެންދަވާ ކަމަށް އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާ މެދު ހިތް ހަމަނުޖެހިގެން ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް އިތުބާރު ހިފޭ މީހުން އެފަދަ ވާހަކަތަކެއް އޭނާ ގާތު ދައްކާފައިވާ ކަމަށެވެ.
"ޤާނޫނު އަސާސީ ނެގެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެ ދެ މުއައްސަސާގެ އިސްވެރިން ވެސް ރައީސް ޔާމިންގެ ސަރުކާރުން، ޤާނޫނު އަސާސީ އާ ޚިލާފަށް މިހާރު ކުރަމުން ގެންދާ ކަންތައްތައް ގަބޫލު ކުރައްވައި އެކަން ހިއްސާ ކުރެއްވި،" އަލްހާން ވިދާޅުވި އެވެ.