Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

ސޯޝަލް ސެންޓަރުގައި ކޯލް ސެންޓަރެއް ހިންގާކަމަށްބުނެ ޝަކުވާ

މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުމަށް ވޯޓު ފޮށިތަކެއް ބަހައްޓާފައިވާ ސޯޝަލް ސެންޓަރުގައި އިންތިހާބުގެ ކެމްޕޭނަށް ކޯލް ސެންޓަރެއް ހިންގާ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ ޝަކުވާ ލިބުމާ ގުޅިގެން އެތަނަށް ގޮސް ބަލާފައިވާކަމަށާއި، އެހެންނަމަވެސް އެތަނުގައި ހުރި ޔޫތް މިނިސްޓްރީގެ އޮފީހެއްގައި ހިނގަމުން ދިޔައީ އެ އޮފީހުގެ އިދާރީ މަސައްކަތްތަކެއް ކަމަށް އީސީއަށް ޔޫތް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދިޔަ ޕޯސްޓްތަކުގައި ތުހުމަތު ކޮށްފައިވާގޮތުން، އެ އޮފީހުގައި ދިޔައީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ކެމްޕޭން ކުރުމަށް ކޯލް ސެންޓަރެއް ހިންގަމުންނެވެ.

މާލެއަށް މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ. އިންތިހާބުގެ ވޯޓުލުން ހަވީރު 05:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓްގައި އައިޝަތު އާޒިމާ ޝުކޫރު، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފު ފާތިހު، އަމިއްލަ ގޮތުން ހުސައިން ވަހީދުގެ އިތުރުން އަލީ ޝުއައިބްއެވެ. މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްްޤު ލިބިފައިވަނީ ޖުމުލަ 56،002 މީހުންނަށެވެ.