Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ޔޫރަޕާއި އެމެރިކާ އިން ބޭސް އެތެރެކުރަން ފަށަނީ

މާލޭގައި ހުރި ބޭސް ފިހާރައެއް - ފޮޓޯ: އަވަސް

ރާއްޖެ އަށް ޔޫރަޕާއި އެމެރިކާއިން ބޭސް އެތެރެކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އާދައިގެ ބޭސް ރާއްޖެ ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން ރާއްޖެ އަށް ބޭސް އެތެރެ ކުރާ ގޮތަށް ބަދަލުކުރާނެ ކަމަށެވެ.

"ޔޫރަޕާއި އެމެރިކާއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރާ ގޮތަށް ބަދަލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ބޭސް ގެންނަނީ އިންޑިއާ އިން ކަމަށްވާއިރު، އިންޑިއާ އާއި ރާއްޖޭއާ ދެމެދު މި ދުވަސްވަރު ވަނީ ނުތަނަވަސްކަމެއް އުފެދިފަ އެވެ.

މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ޔޫއޭއީ އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، އެހެން ގައުމުތަކުންވެސް އެބާވަތްތައް ގެންނަން މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ތުރުކީއާ އެކު އެއްބަސްވުމަކަށް އާދެވި ފުރަތަމަ ޝިޕްމަންޓަށް އޯޑަރު ދީފައިވާކަމަށް ވިދާޅުވި އެވެ.