މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އަދި މާލެ ސަރަހައްދުގައި އެ ދުވަސްވަރު 24 ގަޑިއިރު ކަރަންޓު ނުކެނޑި ޚިދުމަތް ދެވޭނެކަން ޔަޤީން ކުރުމަށް، އިތުރު 2 ޖެންސެޓް ގެނެސްފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ގެނައި 1.6 މެގަވޯޓުގެ ހައިސްޕީޑު ކޮންޓެއިނަރ ދެ ޖެންސެޓެވެ. އަދި މިއަހަރުގެ ޕީކް ސީޒަން ނުވަތަ ހޫނު މޫސުމުގެ ކުރިން އިތުރު ދެ ޖެނެރޭޓަރު ގެނެސް ޖުމްލަ 6.4 މެގަވޯޓުގެ ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިއީ ހޫނު މޫސުމުގައި ނުވަތަ ޕީކް ސީޒަނުގައި ކަރަންޓު ނުކެނޑި 24 ގަޑިއިރު ޚިދުމަތް ދެވޭނެ ކަން ޔަޤީން ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އަދި މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ މިކަމުގެ ސަބަބުން ޔަޤީން ކުރެވިގެން ދާނެ ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.
މިމަސައްކަތާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޯށްދިނުމުގައި ކަމަށެވެ. އަދި ކުންފުނީގެ މެނޭޖްމެންޓާއި މުވައްޒަފުން އެގޮތަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސްޓެލްކޯއިން މާލެ ސަރަހައްދުގައި ދެވޭ ކަރަންޓު ޚިދުމަތް ފުޅާ ކުރުމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ހަކަތައިގެ މަޝްރޫޢު ދާދި އަވަހަށް ފަށާނެ ކަން ފަހުމީ ވަނީ ހާމަކުރައްވާފައެވެ.
" އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒުގެ ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން. " ފަހުމީ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗް އެޕްރީލް ހިސާބުގައި ވަރަށް ބޮޑަށް ހޫނުވެއެވެ. އަދި މި ދިޔަ އަހަރުވެސް ހޫނުވުމުގެ ސަބަބުން ކަރަންޓު ބިލްތައްވެސް ވަނީ ބޮޑުވެފައެވެ. މި ދުވަސްވަރަށް ކުރިއަލާ މިއަހަރު ސްޓެލްކޯއިން ތައްޔާރުވަމުންދާއިރު، މިހާރު މަސައްކަތް ކުރަމުންދަނީ އަލައް ގެނައި ދެ ޖެންސެޓް ބެހެއްޓުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.