މި އިންތިޙާބުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވެނުނީތީ މަޢާފަށް އެދޭ ކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސްގެ ޗެއަރޕާސަން އަބްދުﷲ އަބްދުއް-ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، މާލެ މޭޔަރު ކަމުގެ ގޮނޑި ގެއްލުނީ، ސަރުކާރާއި ހަވާލުވެ މި އިންތިހާބަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމުން ކަމަށެވެ. އަދި އެކަމަށްޓަކައި އާންމު މެންބަރުންގެ އަރިހުން އޭނާ ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.
" އަޅުގަނޑުމެންނަށް މި އިންތިހާބުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމާއި އެކީގައި، އަދި މިދެންނެވި ސަބަބުތަކާއި ހުރެ އަޅުގަނޑުމެންގެ އާންމު މެންބަރުންނާއި އެކީގައި ބާއްވަން ޖެހޭ ގާތް ގުޅުން މިދިޔަ ދުވަސްތަކުގައި، ބޭއްވިފައި ނެތް ކަމަށް ނިހާޔަތަށް އަޅުގަނޑުމެން އާންމު މެންބަރުންގެ އަރިހުން މަޢާފަށް އެދެން " އަބްދުއްރަހީމް ވިދާޅުވިއެވެ.
ސަރުކާރަށް މާލޭ މޭޔަރ ކަމުގެ ގޮނޑި ގެއްލިގެން ދިއުމުގައި އެއްވެސް އިތުރު ސަބަބެއް ނެތް ކަމަށް ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން ޕީއެންސީން ވަނީ ބުނެފައެވެ. އެގޮތުން އެ ޕާޓީން ވަނީ ރައީސް ޔާމީން ނުލާ ނުކުތުމުން ނުލިބުނީ ނޫން ކަމަށް ޤަބޫލު ނުކުރާކަމަށް ވިދާޅުވެފައެވެ.
" ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓެއް. އެ ކެނޑިޑޭޓަށް ލިބުނު ވޯޓާއި އަޅުގަނޑުމެންނަށް ލިބުނު ވޯޓާއި އެއްކޮށްލީމަ އެހެން ކަމަށްވަންޏާ އަޅުގަނޑުމެން ވިން ވާނެ. އެހެންވީމަ އޭގެ ސަބަބަކުން ނޫން. އަޅުގަނޑުމެންނަށް ފޯކަސް ނުކުރެވިގެން އިންތިހާބުން ބަލިވީ " އަބްދުރަހީމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލް އިންތިހާބު އެމްޑީޕީ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކޮށްފައިވަނީ ގާތްގަނޑަކަށް 7601 ވޯޓާއި އެކުއެވެ. އެންމެ ގާތުން ވާދަ ކުރެއްވި ސަރުކާރުގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުއަށް ލިބިވަޑައިގެންނެވީ، 5069 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.