Last Updated: November 29, 14:10
Friday, November 29, 2024
ޚަބަރު

ޗައިނާގެ އެހީގައި ދަނޑުވެރިކަން ފުޅާކުރަނީ

ރާއްޖޭގައި ދަނޑުވެރިކަން ވެސް ފުޅާކޮށް، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ އެއްބަސްވުމެއް ވެސް ޗައިނާއާ އެކީ ހަދާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އިއްޔެ މާލެ ވަޑައިގެން ނޫސްވެރިންނާ އެކީ ބޭއްވި ބައްދަވުމުގައި ވަނީ ޗައިނާއާ އެކީ ހެދި ގިނަ އަދަދެއްގެ އެެއްބަސްވުންތަކާ ބެހޭ ބައެއް ތަފުސީލުތައް ދެއްވައިފަ އެވެ. އެގޮތުން އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގައި މިހާރަށް ވުރެ ބޮޑަށް ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޚާއްޞަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވެސް ޗައިނާ ސަރުކާރާ އެކީ މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް، މަދުވެގެން 200،000 ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗަ އެސްޓޭބްލިޝްމެންޓެއް ގާއިމު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.