މާލޭގެ މޭޔަރު ހޮވަން އިއްޔެ ބައި-އިލެކްޝަން ކުރިއަށް ދަނިކޮށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ހަނޑުލާއި ފުށްބަސްތާ ދޭން އިއުލާން ކުރިޔަސް، އިންތިހާބުގެ ނަތީޖާ އިން އެނގުނީ އެފަދަ އެއްޗިއްސަށް ރައްޔިތުން ނުވިކޭނެކަން ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
މޭޔަރުގެ މަގާމު އެމްޑީޕީގެ ކެންޑިޓޭޑް އާދަމް އާޒިމް ކާމިޔާބުކުރެއްވުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކޮށް، މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ސަރުކާރުން އުޅުނީ ހަނޑުލާއި ފުށްބަސްތާގެ ވާހަކަ އިން ރައްޔިތުން ގަނެލަން ކަމަށެވެ.
އެކަމަކު މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ނޫންކަން ބައި-އިލެކްޝަންގެ ނަތީޖާ އިން ރައްޔިތުން ދައްކުވައި ދީފި ކަމަށް ވިދާޅުވި އެވެ.
"މިއަދު ބައްލަވާ މި ވޯޓަށް އެންމެ ފަހު ވަގުތު، ނުފޫޒު ފޯރުވުމަށް ޓަކައި ރައީސް މުއިއްޒު ޗައިނާއިން ވަޑައިގެން ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ މާލޭގެ ކޮންމެ ރައްޔިތަކަށް، ކޮންމެ ގެއަކަށް އެއްބަސްތާ ހަނޑުލާ އެއް ބަސްތާ ފުށާ ދޭނަމޭ،" ޝާހިދު ވިދާޅުވި އެވެ. މާލޭގެ ރައްޔިތުން ބުނީ ތިމަންމެނެއް ހަނޑޫ ބަސްތާއަކަށް، ފުށް ބަސްތާއަކަށް ނުގަނެވޭނޭ."
އޭނަ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވަން ނިންމެވި ގޯތި ކަމަށެވެ. އަދި ރައީސް ސޯލިހު ބިނާކޮށް ދެއްވަން ވިދާޅުވި ތަންތަން ބިނާކޮށްދޭން މާލޭ ރައްޔިތުން އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދުގެ ވޯޓުގެ ހަގީގީ މެސެޖަކީ އެއީ. މިއަދުގެ ވޯޓުގެ މެސެޖަކީ ރައީސް ސޯލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތައް ރާއްޖެެއަށް ހެޔޮގޮތް ހޯދައިދީފިއޭ،" ޝާހިދު ވިދާޅުވި އެވެ. "ރައީސް މުއިއްޒު ތިޔަ ކުރައްްވާ ކަންތައްތައް ތިޔަކުރައްވަނީ ގޯސްކޮންނޭ، ރާއްޖެ މި ދަނީ ހަރާބުގެ މަގަށޭ."
އާޒިމް ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަތީޖާ ދައްކާ ގޮތުން 7،621 ވޯޓާ އެކީގަ އެވެ. ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ. ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފަށް ލިބިވަށައުގަތީ 2،434 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން ހުސައިން ވަހީދަށް 1،888 ވޯޓް ލިބިވަޑައިގަތް އިރު، ވެ. ޝުއައިބް އަލީ (ފުރަހަނި) އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.