މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާ ދެކޮޅަށް ކޮލްކަތާގެ ކުންފުންޏަކުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްކޭ މީޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރު މުރްލީ ދާރް ވިދާޅުވީ އެމްކޭ މީޑިއާ އިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ޝިލްޕާ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާގެ އެސެންޝަލް ސްޕޯޓްސް އެންޑް މީޑިއާ ޕްރައިވެޓް ލިމިޓެޑުން މަކަރާއި ހީލަތް ހަދައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
އަދި އެ މައްސަލައަކީ 9 ކްރޯޑް ރުޕީސްގެ ހިޔާނާތުގެ މައްސަލައެއް ކަމަށް ވެސް ކަމިޝަނަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝިލްޕާ އާއި އޭނާގެ ކުންފުންޏާ ދެކޮޅަށް ހުށަހެޅި ހިޔާނާތުގެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.
އެމްކޭ މީޑިއާގެ އެޑިޝަނަލް ޑިރެކްޓަރު ދެބާޝިސް ގުހާ ބުނީ ޝިލްޕާ އާއި އޭނާގެ ކުންފުނީގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ދެ އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް އެ މީހުން އިންވެސްޓް ކުރަން ދިން ފައިސާ އަނބުރާ ދައްކައިފައި ނުވާތީ ކަމަށެވެ.
އޭނާ އަދި ބުނީ އެސެންޝަލުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން 30 ލައްކަ ރުޕީސް ދެއްކި ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެހެން ނަމަވެސް ފުލުހުންނާ ހަމައަށް މައްސަލަ ގެންދިއުމުގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މި މައްސަލަ ހައްލެއް ހޯދޭތޯ މަސައްކަތް ކުރި ކަމަށް ގުހާ ބުންޏެވެ. އެހެންވެ އެކަން ކާމިޔާބު ނުވުމުން ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށް އޭނާ ބުންޏެވެ.
އެމްކޭ އިން ވަނީ ޝިލްޕާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުގެ ކުރިން ކަލްކަތާ ހައި ކޯޓަށް ވެސް މި މައްސަލަ ހުށަހަޅައިފަ އެވެ. އެއީ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ރިފަންޑްކޮށް ދިނުމުގެ އަމުރަކަށް އެދި އެވެ.