މީގެ 10 ވަރަކަށް އަހަރު ކުރިއަށް ޖެހިލާށެވެ. ފޭދޫއަކީ އަކީ އައްޑޫގެ އަވަށްތަކަށް ބަލާއިރު ވަސީލަތް މަދު ރަށެކެވެ. ގަމުން ފައިބައިގެން އަންނަ މީހާ ފުރަތަމަ އަރަނީ ފޭދޫއަށެވެ. ނަމަވެސް އެގޮތަށް ރަށައް އަރާ މީހަކަށް ފޭދޫން ލިބޭނެ މާ ބޮޑު ހިދްމަތެއް ނެތެވެ. ފޭދޫގެ މިމަންޒަރު ބަދަލުކޮށްލުމުގައި ފުރިހަމަ ބައިވެރިއަކަށް އެއްވެސް މީހަކަށް ދެބަސްވެވެން ނެތް މީހާކީ ފޭދޫ ދައިރާގެ ކުރީގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.
އައިބީ, ފޭދޫގެ މަލަމަތި ބަދަލުކޮށްލި
އައިބީ މަޖިލީހަށް އޭރު ހޮވުނުއިރު، ފޭދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ފޭދޫއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމެވެ. 2014 ވަނަ އަހަރުގެ މަޖްލިސް އިންތިހާބު ކާމިޔާބު ކުރައްވައި އައިބީ އެންމެ އިސްކަމެއް ދެއްވި ކަމަކީ ފޭދޫގެ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށެވެ.
ފޭދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އައިބީގެ މެމްބަރު ކަމުގައި ވަނީ ފޭދޫ ވަރުގެ ބިމެއް ހިއްކާފައެވެ. އަދި ހިއްކި ބިމުގެ ވަށައިގެން ރިވެޓްމަންޓު ޖަހައި ބިން ވަނީ ރައްކާތެރި ކޮށްފައެވެ. އެ ބިމުން ރައްޔިތުންނަށް މަންފާވާން ދުވަސްކޮޅެއް ނެގި ނަމަވެސް، މިއަދު ހިއްކި ބިމެއް އޮތުމުން ކައުންސިލުން ބިން ދޫކުރަން އިއުލާން ކުރިއިރު، 300 ގޯއްޗަށް މީހުން ކުރިމަތިލައި ލިސްޓު ވަނީ އާންމުކޮށްފައެވެ. އިތުރު ބިންތައްވެސް ހިއްކި ބިމުން ދޫކުރަން ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ
ވިއްސާރަވެއްޖެނަމަ، އައްޑޫއިން އެންމެ ބޮޑަށް އަބަދުވެސް ގެއްލުން ލިބެނީ ފޭދޫއަށެވެ. އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ފެށިގެން ދިޔައީ އައިބީ ފޭދޫ ދައިރާގައި މެންބަރަކަށް ހުއްޓައި މަޖިލީހުގެ ތެރެއިން ފާސްވެ ބަޖެޓުގައި ހިމެނިގެންނެވެ. ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލު ނުވިނަމަވެސް، މިއަދު ފޭދޫ ރައްޔިތުންނަށް ލިބޭ ކުޑަ ހިތްހަމަ ޖެހުމަކީ ކުރީގައި ލިބޭވަރަށް ގެއްލުން ނުލިބުމެވެ.
ފޭދޫ ސްކޫލްގެ ޖާގައިގެ ޝަކުވާއަކީ ދަރިވަރުންނާއި ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. ފެންވަރު ރަނގަޅު ވަސީލަތާއި އެކު މަލްޓި ޕާޕަސް ހޯލެއް ފޭދޫ ސްކޫލަށް ބޭނުންވެއެވެ. އެކަމަށް އެތައް ފަހަރަކު އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އަދި ސީދާ މެމްބަރު އައިބީއަށް ހުށަހެޅުނެވެ. އައިބީ ވަނީ ފޭދޫ ސްކޫލްގެ ހަތަރު ބުރީގެ އިމާރާތް ބަޖެޓުގައި ހިމަނައި ފައިސާ ހޯދައި ފޭދޫ ސްކޫލްގައި މި އިމާރާތް ގާއިމް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިއަދު ދަރިވަރުން އެދަނީ އެއިމާރާތުގެ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން ދަރިވަރުންނަށް ހާއްސަ ސްކޫލް ބަހެއް ގެނެސް މިއަދު ދަރުވަރުން މި ބަސް ބޭނުން ކުރަމުން އަންނަ އިރު މިއީ ރާއްޖޭގައި މިވަގުތު އޮތް ހަމައެކަނި ސްކޫލަކަށް ހާއްސަ ސްކޫލު ބަހެވެ.
ފޭދޫ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފޭދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ހަމަޖެއްސުމުގައި އައިބީ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އަދި ފޭދޫ ސިއްޙީ މަރުކަޒަށް ޒަމާނީ އެމްބިއުލެންސެއް ހޯދައި، ހުޅުމީދޫން ގެންނަ ބަލި މީހުންނާއި ފޭދޫ އަދި ޖުމްލަކޮށް މުޅި އައްޑޫ ރައްޔިތުންނަށް މި އެމްބިއުލެންސްގެ ހިދްމަތް ދަނީ ލިބެމުންނެވެ. އަދި ފޭދޫ ސިއްހީ މަރުކަޒުގެ ވޯޑުތައް އޭސީކޮށް އެތަން ވަނީ ތަރައްޤީ ކުރެވިފައެވެ.
ވަޒީފާގެ ފުރުސަތު ނެތް އެތައް ޒުވާނުންނަށް ރަށުން ވަޒީފާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި އައިބީގެ ދައުރު ބޮޑެވެ. ދެކުނު ޓްރާންސްޕޯޓު ލިންކު ފޭދޫ ބަނދަރުގައި ގާއިމްކޮށް އެތަނުން އެތައް ބަޔަކަށް ވަޒީފާ ލިބިގެން ގޮސްފައިވަނީ އައިބީގެ މެމްބަރު ކަމުގައެވެ. މިއީ ފޭދޫއަށް ރައްޔިތުން ދަތުރުކޮށް ރަށުގެ އިޤްތިޞާދުވެސް ކުރިއަރަން ދިމާވި ސަބަބެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.
މަޖިލީހަށް ޓެސްޓު ކުރުމަށް މީހަކު ފޮނުވަން ރައްޔިތުން ހޯދަން ނުޖެހެއެވެ.
މަޖިލީހުގެ ދައުރު އަދާ ކުރެއްވި އިރު، އައިބީ ހިމެނިފައިވަނީ ރައްޔިތުންގެ ގާތަށް އެންމެ ގިނައިން ދިޔަ އެއް މެންބަރު ގޮތުގައެވެ. މުޅި ފަސް އަހަރުގެ ދައުރުގައި 107 ފަހަރު ދާއިރާއަށް ވަޑައިގަތެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ފަހު 20 ވަނަ މަޖިލީހަށް އައިބީ ކުރިމަތިލާއިރު، ފޭދޫ މިވަނީ ދެ ދައިރާއަކަށް ބެހިފައެވެ.
ފޭދޫ ދެކުނުގެ ދައިރާއަށް ކުރިމަތިލައްވައިގެން ހުންނެވި އައިބީގެ މަސައްކަތް މުޅި ފޭދޫ ފެނިގެންދާކަން އައްޑޫސިޓީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކުވެސް ޤަބޫލު ކުރާނެއެވެ. ސަރުކާރާއި އެކު މަސައްކަތްކޮށް ފޭދޫ ދެކުނުގެ ދައިރާގެ އިތުރުން މުޅި އައްޑޫއަށްވެސް އިތުރު ތަރައްޤީއެއް ގެނުވާނެ ހީވާގި ހިންގުތެރިއެއްކަން އެންމެންވެސް ޤަބޫލު ކުރެއެވެ. ފޭދޫ ދެކުނުގެ ދައިރާގެ ރައްޔިތުން ރައްޔިތުން މިއަދު ވިސްނަންވީ މެމްބަރެއްގެ ގޮތުގައި އައިބީ ކޮށްދެއްވާފައިވާ މަސައްކަތްތަކެވެ. މިއި ދޮގު ނުކުރެވޭނެ ކަންކަމެވެ. އައިބީ އަކީ ޓެސްޓު ކުރެވިފައިވާ ފޭދޫ ބަދަލުކޮށްލި މެންބަރެވެ. އެހެން ކަމުން ދެވަނަ ފަހަރަށް މަޖިލީހަށް ފުރުސަތު ދޭން ރައްޔިތުން މާބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ނުބެލެވެއެވެ.