ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމުގެ ރަސްމީ މަޝްވަރާތައް މިއަދު ފަށައިފި އެވެ.
މި މަޝްވަރާތައް މިހާރު ކުރިއަށްދާ އިރު، މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރެއްވުމާ އެކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާގައި ރަސްމީކޮށް، އެ ގައުމުގެ ސިފައިން ގެންދަން އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން މިދިޔަ މަހު އެ މަނިކުފާނު ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީ އަށް ކުރެއްވި ދަތުރުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ވެސް އިންޑިއާ ސިފައިން ފޮނުވައިލުމުގެ ވާހަކަ ހިއްސާކުރައްވައިފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސްގެ ރިޔާސ ވައުދެކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާގެ 80 އެއްހާ ސިފައިން އެބަތިއްބެވެ. އެ ސިފައިން ފޮނުވާލުމުގެ ރަސްމީ މަޝްވަރާތައް ފޮރިން މިނިސްޓްރީގައި ފެށީ ހެނދުނު 9:30 ގަ އެވެ. އެ މަޝްވަރާގެ އިންޑިއާ ވަފުދުގައި އިސްކޮށް ހުންނެވީ ހުންނެވީ އެ ގައުމުން ރާއްޖޭގައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.