Last Updated: December 4, 20:51
Wednesday, December 4, 2024
ޚަބަރު

ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް: ފަތުވާ މަޖިލިސް

މީހެއްގެ ގައިގާ ޓެޓޫ ޖަހަނީ-

ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިއެވެ.

ޓެޓޫ ޖެހުމާއި ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ މި ފަތުވާ ނެރެފައިވަނީ 2019 ވަނަ އަހަރުއެވެ. މިއަދު ވަނީ އެ ފަތުވާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި އާންމު ކޮށްފައެވެ.

ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި ލިޔުންތަކާއި، ދޫންޏާއި، ޙައިވާނުތަކުގެ ސޫރަތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރުގެ ނިޝާންތައް ކުރަހާފައި ބެހެއްޓުމާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް ސިފައެއްގެ ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ޙަރާމް ކަމެއް ކަމަށެވެ.

"އެއީ، މިކަމަކީ މާތްﷲ ހައްދަވާފައިވާ މަޚްލޫޤެއްގެ، ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއްކަމުގައި އިލްމުވެރިން ވިދާޅުވާތީއެވެ." އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާގައިވެއެވެ.

އެ މަޖިލީހުން ބުނެފައިވަނީ މި ފަތުވާ ނެރުމުގައި މިމައްސަލަ ކީރިތި ޤުރުއާނާއި، ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކޮށްފައިވާ ކަމަށެވެ.