މިއަދު އިންޑިއާއި ރާއްޖެއާއި ދެމެދު ބޭއްވުނު މަތީ ފަންތީގެ މަޝްވަރާތަކުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރެއިން ސިފައިންގެ މައްސަލާގައި ދެ ޤައުމުގެ ބަސް ތަފާތުވެއްޖެއެވެ.
މިމަޝްވަރާތަކާއި ގުޅިގެން ރާއްޖޭގެ ޙާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަޝްވަރާތަކުގައި ރާއްޖެއާއި އިންޑިއާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ރިވިއު ކުރެވުނު ކަމަށެވެ. މީގެ އިތުރުންވެސް ގުޅިގެން ގުޅިގެން ކުރިއަށްގެންދެވޭނެ ތަރައްޤީގެ މަޝްވަރާތަކާއި، އަދި ދެ ޤައުމަށް މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ގުޅިގެން މަސައްކަތް ކުރުމަށާއި، އިންޑިއާގެ ސިފައިން އެއްބަސްވެވި މަޝްވަރާ ކުރެވުނު ކަމަށް ވަނީ ބުނެފައެވެ.
މިމަޝްވަރާތަކާއި ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައިވެސް މައިގަނޑު މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރުމަށާއި އެ ޤައުމުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އަވަސް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
އެހެން ނަމަވެސް މި ބަޔާނުގައި އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވެ އެކަން އަވަސް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ނެތެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ހިންގާ އިންޑީއާގެ ވައިގެ އިންސާނިޔަތުގެ ކަމުގެ އޮޕަރޭޝަންތައް ދެމެހެއްޓުމަށް މަޝްވަރާ ކުރެވުނު ކަމަށް ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން މިކަމަށް ކުރިއަށް ގެންދިއުމަށް ގެނެވޭނެ ހައްލަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވަނީ ބުނެފައެވެ.
މިމަޝްވަރާއަށް ފަހު ދެ ޤައުމުންވެސް ވަނީ ދެވަނަ ބައްދަލުވުން ދެ ޤައުމަށްވެސް އެއްބަސްވެވޭ ދުވަހަކު ބޭއްވުމަށް ނިންމާފައެވެ.
މިއަދު ބޭއްވުނު އިންޑިއާއި ރާއްޖޭގެ ހައިލެވެލް ކޯ ގްރޫޕުގެ މަޝްވަރާތަކާއި ގުޅިގެން ދެ ޤައުމުން ދެގޮތަށް ބުނެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާރިޗް 15 އިގެ ކުރިން އިންޑިއާ ސިފައިން ފޭބުމަށް އެދިވަޑައިގެންފައެވެ. ރާއްޖޭގައި ޑޯނިއާ އަދި ހެލިކޮޕްޓަރ އޮޕަރޭޝަންގެ އިތުރުން ސެނެހިޔާގައި ތިބި އިންޑިއާ ސިފައިން ލައިގެން 88 ސިފައިން މިހާރު ތިބި ކަމަށް ސަރުކާރުން ބުނެއެވެ.