ޓައިވާނުގެ މިނިވަން ކަމަށް ކުރެވޭ ހުރިހާ މަސައްކަތަކާއި ރާއްޖެއިން ދެކޮޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޓައިވާނުގެ ވެރިކަން ކުރަމުންދިޔަ ޕާޓީއަށް ތިން ވަނަ ފަހަރަށް އިންތިހާބެއް ބާއްވައި ކާމިޔާބު ވެފައިވާއިރު، ޗައިނާއާއި ވަކިވެގަތުމަށް ޓައިވާނުން މަސައްކަތް ކުރަމުންދެއެވެ. މި ސަރުކާރުންވެސް ދެމި އޮންނާނީ ވަން-ޗައިނާ ޕޮލިސީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އީއްޔެ ޗައިނާއިން ވަޑައިގެން ނޫސްވެރިންނަށް ދެއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ޓައިވާނުގެ އިންތިހާބާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ދުނިޔޭގައިވެސް އޮތީ އެންމެ ޗައިނާއެއް ކަމަށާއި، އެއީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" ކަމަށެވެ. އެހެން ކަމުން ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް ފުށުއަރާ އެއްވެސް ހަރަކާތަކާއި އަދި ބަޔާނަކާއިވެސް ރާއްޖެ ދެކޮޅު ކަމަށެވެ.
މީގެ އިތުރުން ޓައިވާންގެ މިނިވަންކަމަށް ކުރެވޭ ހުރިހާ މަސައްކަތަކާއި ދެކޮޅު ކަމަށް ބުނެ ރާއްޖެއިން ވަނީ ޓައިވާނާއި އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޗައިނާގެ އެއްވެސް ދާޚިލީ ކަމަކާއި ރާއްޖެއިން ނުބެހޭނެ ކަމަށާއި ޗައިނާ އެކަތިގަނޑަކަށްވުމަށް ކުރާ މަސައްކަތައް ތާއިދު ކުރާނެ ކަން ވަނީ ހާމަކޮށްފައެވެ.
"ވަން ޗައިނާ ޕޮލިސީ" އަކީ ރާއްޖޭގައި ވެރިކަން މިހާތަނަށް ކުރި ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓާފައިވާ ސިޔާސަތެކެވެ. ނަމަވެސް 2022 ވަނަ އަހަރު "ރިޕަބްލިކް އޮފް ޗައިނާ" އަށް ސަފީރަކު ހަމަޖެއްސުމަށް ސަރުކާރުން މަޖިލީހަށް ފޮނުވިއެވެ. މިމައްސަލާގައި ރާއްޖެއިން ވަނީ "ވަން ޗައިނާ" ޕޮލިސީގައި ދެމި ތިބޭނެ ކަމުގެ ޔަޤީންކަން އަރުވައި ޗައިނާ ކިބައިން މަޢާފަށް އެދިފައެވެ.