ރާއްޖޭގައި ސައިކަލު ވިއްކާ މަޝްހޫރު ކުންފުނި، ލިޓަސް އިން އެމްއެންޑީއެފަށް އިއްޔެ ސައިކަލްތަކެއް ހަދިޔާކޮށްފި އެވެ.
އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާކޮށްފައި މާލެ އޭރިއާ ކޮމާންޑަށް ހައުޖިއު ބްރޭންޑްގެ ތިން ސައިކަލެވެ.
ލިޓަސް އޮޓޯ މޯބައިލްގެސް ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ސައިކަލްތައް އެމްއެެންޑީއެފާ ހަވާލުކޮށްދެއްވީ ލިޓަސް އޮޓޯމޯބައިލްސްގެ ޖެނެރަލް މެނޭޖަރު އަޙްމަދު ޒާހިރެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ފަރާތުން ސައިކަލްތަކާ ހަވާލުވެވަޑައިގެންނެވީ މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރު ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ރަޝީދެވެ.
އެމްއެންޑީއެފުން ބުނީ އެ ސައިކަލްތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓްތަކުގެ އޮޕަރޭޝަނަލް ބޭނުންތަކުގައި ކަމަށެވެ.
ލިޓަސް އިން މީގެ ކުރިން ފުލުހުންނަށް ވެސް ސައިކަލްތަކެއް ހަދިޔާކޮށްފައިވެ އެވެ.
ރާއްޖޭގެ އެކިއެކި އަމިއްލަ ކުންފުނިތަކުން ސިފަައިންނާއި ފުލުހުންނަށް ތަފާތު ތަކެތި ހަދިޔާކުރެ އެވެ. އެގޮތުން ދާދި ފަހުން އެލިއާ އިން އެމްއެންޑީއެފަށް އިންޖީނެއް ވެސް ހަދިޔާކޮށްފައިވެ އެވެ.