އެޑިއުކޭޝަން މިނިސްޓްރީން ގެންނަން ނިންމި މުހިއްމު ބޮޑު ބަދަލަކާ ގުޅިގެން އައްޑޫ ހިތަދޫ ސްކޫލްގެ ގްރޭޑް 8 ގެ ދަރިވަރުންނަށް އޯ ލެވެލް މުގައްރަރަށް ކިޔަވައި ދޭން ފަށައިފި އެވެ.
އެ ސްކޫލުން ބުނީ މިކަން ފެށީ އިއްޔެ ކަމަށެވެ.
ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ހިތަދޫ ސްކޫލުން ބުނީ ގްރޭޑް 8 އަށް ކެމްބުރިޖު އަދި އެއްއެސްސީ މުޤައްރަރުގެ ކިޔެވުން ފެށުމާ އެކީ މަގުސަދަކީ ދެ އަހަރުގެ މި މުގައްރަރު ނިންމުމަށް އެންމެ ދުވަހެއް ވެސް ގެއްލުވާނުލާ މި ޖެނުއަރީން އަންނަ އަހަރުގެ ނޮވެމްބަރަށް ލިބޭ ދެ އަހަރުގެ މުއްދަތުގައި ހާސިލު ކުރުމަށް ދަރިވަރުން ކަނޑައަޅާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެންވެންހުރި ހުރިހާމަސައްކަތެއް ކުރުން ކަމަށެވެ.
"…ފުރަތަމަ ހަފުތާގައި ކުރިއަށް ދާނީ ދަރިވަރުން މިބަދަލަށް ތައްޔާރު ކުރުމާއި މުޤައްރަރުގެ ބައިތައް ދަރިވަރުންނަށް ބުނެދީ ދަރިވަރުން ކުރިޔަށް އޮތް ދެ އަހަރުގެ ކިޔެވުމަށް އެކުދިން ހުރިހާގޮތަކުން ތައްޔާރު ކުރުމަށް ކުރެވޭ މަސައްކަތް." ހިތަދޫ ސްކޫލުން ބުންޏެވެ.
އެ ސްކޫލުން ބުނީ ސްކޫލާއި، ބެލެނިވެރިންނާއި ދަރިވަރުން ގުޅިގެން މަސައްކަތް ކުރާނީ ކުރިއަށް އޮތް ދެ އަހަރަކީ ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ދެ އަހަރަށް ހެދުން ކަމަށެވެ.
ގްރޭޑް 8 ގެ ދަރިވަރުންނަށް އޯ ލެވެލް މުގައްރަރިޔަށް ކިޔަވައިދޭން ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އެންގީ މިދިޔަ ހަފުތާގައި ފޮނުވި ސާކިއުލާއެއްގަ އެވެ. އޭގައި ބުނެފައި ވަނީ މި މަހުގެ 21 އިން ފެށިގެން ސްޓްރީމްތަކަށް ކިޔަވައި ދޭން ޖެހޭޢ ކަމަށެވެ. އަދި އޭގެ ކުރިން އިއްޔެގެ ނިޔަލަށް ސްޓްރީމާ ގުޅޭ ގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދީ، ދަރިވަރުން ޚިޔާރުކުރާ ސްޓްރީމެއް، މި މަހުގެ 17 ގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީ އަށް ސްކޫލްތަކަށް އަންގަން ވެސް ސާކިއުލާގައި އެދިފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ގެންނަން ނިންމި މި ބަދަލާ ގުޅިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވެފައި ވަނީ މި ބަދަލުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ނަމަވެސް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ވިދާޅުވެފައި ވަނީ އާ ބަދަލާ އެކީ ގްރޭޑްގެ 8 ދަރިވަރުންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.