ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ކާގޯ ޓާމިނަލް ނުހުޅުވި ލަސްވެގެން ދިޔައީ އެކަމަށް ދޭން ވާވަރަށް އިސްކަން ނުދެވުމުން ކަމަށް އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވެލާނާ އެއާޕޯޓުގެ އައު ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމީއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ، އައު ކާގޯ ޓާމިނަލުގެ މަސައްކަތް 2022 ވަނަ އަހަރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދި އިމާރާތް 2023 ވަނަ އަހަރު ހަވާލު ކުރެވުނިއިރު، އެތަން ބޭނުން ކުރަން ނުފެށި ވަނީ އެކަމަށް އިސްކަން ނުދެވި ދިއުމުން ކަމަށެވެ.
"މިފަދަ ފެސިލިޓީއެއް ޤާއިމް ކުރެވި އެތަން ބޭނުން ނުކުރެވިދާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ ފައިސާތަކެއް އެއްވެސް ފައިދާއެއް ނެތި ބޭކާރުވެގެންދާ ދުވަހެއް. އެހެން ކަމުން އަޅުގަނޑުމެން. އަމާޒަކަށްވީ މި ފެސިލިޓީ ވީއެންމެ އަވަހަކަށް ހުޅުވާ ކާގޯގެ ޚިދުމަތް އައު ޓާމިނަލަށް ބަދަލު ކުރުން " ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝަރީފް ވިދާޅުވި ގޮތުގައި، ޚިދުމަތް ދެމުންދިޔަ ކާގޯ ފެސިލިޓީ ޚިދުމަތް އައު ޓާމިނަލަށް ބަދަލު ކުރުމަށް ޚިދުމަތައް ބުރުނާރާ ގޮތަށް މަސައްކަތް ކުރެވުނީ ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން އެތަން އޮޕަރޭޝަނަށް ގެނައުމަށް ނެގީ 27 ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އިން ބުނި ގޮތުގައި މިހާރު ޚިދުމަތް ދެމުންދާ ކާގޯ ޓާމިނަލަކީ އަހަރަކު 50،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭ ތަނެކެވެ. ނަމަވެސް އޯވާ ކެޕޭސީޓީގައި 75،000 ޓަން މިހާތަނަށް ހޭންޑަލް ކުރުމުންދިޔަ އިރު، އައު ކާގޯ ޓާމިނަލަކީ ޒަމާނީ ވަސީލަތްތަކާއި އެކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭނެ ފެސިލިޓީއެއް ކަމާށް އެކުންފުނިން ބުނެއެވެ. އަދި އެތަނުން ޚިދުމަތް ދޭން ފަށަނީ އިމްޕޯޓް ކާގޯ ޚިދުމަތާއި އެކުގައި ކަމަށް އެމްއޭސީއެލްއިން ފާހަގަ ކުރިއެވެ.
އެމްއޭސީއެލް ކުރީގެ ކާގޯ ފެސިލިޓީ އިމާރާތަކީ މީގެ 40 އަހަރު ކުރިން ޚިދުމަތް ދޭން ފެށި އިމާރާތެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ސަރުކާރުން ވެލާ އެއާޕޯޓުގެ ޚިދުމަތް ފުޅާ ކުރުމަށް އިއުލާން ކޮށްފައިވާ ތަޞައްވަރުގެ ދަށުން ކާގޯ ފެސިލިޓީ 300،000 ޓަނަށް ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ރޭވިފައެވެ. އަދި މިއާއެކު އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއަށް މަގުފަހިވާ ގޮތަށް މިތަން ފުރިހަމަ ކުރުމަށް ސަރުކާރުގެ ޕްލޭންގައި ވަނީ ހިމަނާފައެވެ.