ކައުންސިލްތައް އިންޓާނަލް އޮޑިޓްކުރަން އަތޮޅުތަކުން މީހުން ތަމުރީނުކުރަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރައްޖޭގައި 200 އަށް ވުރެ ގިނަ ކައުންސިލްތައް އޮތް އިރު، އެ ހުރިހާ ކައުންސިލްތަކެއް އޮޑިޓް އޮފީހުން އޮޑިޓް ކުރާ ނަމަ އެ އޮފީހަށް އެކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށެވެ.
އެހެންވެ އެކަމަށް ހާއްސަކޮށް މީހުން ތަމްރީނު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކޮންމެ އަތޮޅެއްގައި ވެސް، ކޮންމެ އަތޮޅަކަށް އެކަށޭނަ އޮޑިޓް ޓީމްތަކެއް ނުވަތަ ޔުނިޓްތަކެއް ގާއިމްކޮށްގެން އެ އަތޮޅެއްގައި ހުންނަ ކައުންސިލްތައް އޮޑިޓް ކުރުމުގެ ގާބިލުކަން އަތޮޅު ފެންވަރުގައި އުފައްދައިގެން އެ އަތޮޅުތަކަށް ބޭނުންވާ ތަމްރީނުތައް ހޯދައި ދީގެން އަތޮޅު ފެންވަރުގައި ވެސް އެއަތޮޅެއްގައި ހުންނަ ކައުންސިލްތައް އޮޑިޓުކުރެވޭ ނިޒާމެއް ގާއިމުކުރުމަށް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ލޯކަލް ގަވަމަންޓް އޮޓޯރިޓީ (އެލްޖީއޭ) އިން މިހާރު ވެސް ވަނީ އަތޮޅުތަކުގައި ތިބި، އޮޑިޓްކުރުމުގެ ގާބިލްކަން ހުރި މީހުން ދެނެގަނެ އެ މީހުންނަށް ބޭނުންވާ ތަމުރީނު ދީފައި ކަމަށެވެ. އަދި މިހާރު ކައުންސިލްތައް އޮޑިޓްކުރުމަށް ބޭނުންވާ އެންމެ މަދު މިންވަރަށް މީހުން ޓްރެއިން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ އެކަށޭނަ ގޮތަކަށް އޮޑިޓްކުރުމަށް ބޭނުންވާނެ ގާބިލުކަން އުފެއްދުމަށްޓަކާ އިތުރު މީހުން ތަމުރީނުކުރުމުގެ މަސައްކަތް."" އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތގައި އަމާޒަކީ ކައުންސިލްތައް އޮޑިޓް ކުރެވޭ ވަރަށް މި އަހަރު މީހުން ތަމްރީނުކުރުމެވެ. އަދި، އޮޑިޓް އޮފީހާ ގުޅިގެން ހުރިހާ އަތޮޅު ކައުންސިލެއް އެ އޮފީހުން އޮޑިޓް ކުރާގޮތަށާއި މަދުވެގެން ކޮންމެ އަހަރަކު 50 ކައުންސިލް އޮޑިޓް އޮފީހުން އޮޑިޓް ކުރާ ގޮތަށް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދަޅުވި އެވެ.