Last Updated: November 22, 23:40
Saturday, November 23, 2024
ޚަބަރު

މާލިއްޔަތު ޤަވާއިދު އޮތީ ލާމަރުކަޒީ ނިޒާމަށް ފަހިވާގޮތަކަށް ނޫން

ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް / ފޮޓޯ: އައްޑޫލައިވް

ރާއްޖޭގައި މަލީއްޔަތު ޤާނޫނާއި އަދި މާލިއްޔަތު ޤަވާއިދު ހަދާފައިވަނީ ލާމަރުކަޒީ ނިޒާމަށް އެހާ ފަހިވާ ގޮތަކަށް ނޫން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކައުންސިލް މުވައްޒަފުންގެ އޮޑިޓް ކުރުމުގެ ޤާބިލްކަން އުފެއްދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ޤާވައިދު ހަދާފައިވަނީ ލާމަރުކަޒީ ނިޒާމަށް ފަހިވާ ގޮތަށް ނޫން ކަމަށެވެ.

"މައިގަނޑު ގޮތެއްގައި މާލިއްޔަތު ޤަވާއިދުވެސް އަދި ޤާނޫނުވެސް ހަދާފައިވަނީ އެވްރެޖް ގޮތެއްގައި މާލޭގައި ހިންގާ އޮފީސްތަކަށް އަމާޒުކޮށްގެން. އަތޮޅުތަކުގެ އަދި ރަށްރަށުގެ ހާލަތަށް އެންމެ ރަނގަޅަށް ރިއާޔަތް ކުރެވިގެން ނޫން. މިކަމާއި ގުޅިގެން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް އެލްޖީއޭއިން އެބަކުރައްވާ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ރަށްރަށުގެ ކައުންސިލުތަކަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިގޮތުން މީގެ ކުރިން ކުރެވިފައިވާ އޮޑިޓްތަކުގައިވެސް މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ޚަރަދުކޮށްގެން އެކަން އޮޑިޓް ރިޕޯޓުތަކުން ފާހަގަވާ ކަމަށާއި، ނަމަވެސް އެ މައްސަލަތައް ރަނގަޅަށް ބަލާއިރު، އެ ނިޔަތުގައި އެގޮތަށް ކަންކަންކޮށްފައި ނެތްކަން ފާހަގަވާ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޤަވާއިދުގެ ތެރެއިން އޮޑިޓް ރިޕޯޓުތަކުގައި މައްސަލަ ފެންމަތިވާ ކަމެއްގެ މިސާލެއްވެސް ނަންގަވާފައެވެ. އެގޮތުން ކައުންސިލަށް އެއްޗެއް ގަންނަން 3 ކޯޓޭޝަން ހޯދަން ޖެހޭއިރު، ކުދި ރައްތަކުގައި އެ ވިއްކާ ވިޔަފާރިތައް ނުހުރެދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއްގައި ދެން ޢަމަލު ކުރާނެ ގޮތެއްވެސް ނޯންނަ ކަމަށް ވިދާޅުވިއެވެ.

މިކަންކަމާއިއެކުވެސް ޤަވާއިދު އިސްލާހުވަންދެންވެސް އަމާޒަކީ މާލިއްޔަތު ޤަވާއިދާއި ޤާނޫނާއި އެއްގޮތަށް ކައުންސިލްތައް ހިންގާކަން ކަށަވަރު ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.