ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން 10 ކްލަބަކުން ހުށަހަޅައިފި އެވެ.
އެކަން ހުށަހެޅީ ކުރިއަށް އޮތް އެެފްއޭއެމްގެ އިންތިޚާބުގައި އެތަނުގެ ރައީސް ކަމަށް ވާދަކުރައްވާ މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙުމަދު ތޯރިގު (ޓޮމް) އަށް ތާޢީދުކުރާ 10 ކްލަބުންނެވެ. އެ ކުލަބްތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، ވެލެންސިއާ، ކުޑަހެންވޭރު ޔުނައިޓެޑް، ޓީސީ ސްޕޯޓްސް، އެލްޓީ ސްޕޯޓްސް ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ޓެންޓް ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސީބީއެލް ސްޕޯޓްސް އެވެ.
އެފްއޭއެމްގެ އަސާސީ ޤަވާއިދު ބުނާ ގޮތުން، އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ދެބައިކުޅައެއްބައި ކްލަބުން ކޮންގްރެސްއަކަށް ގޮވާލައިފި ނަމަ 14 ދުވަހުގެ ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ޖެހޭނެ އެވެ. އަދި އެ ގޮތަށް އަމަލުނުކޮށްފި ކޮންގްރެސް ނަމަ ތިން ދުވަސްތެރޭގައި ފީފާ އާއި އޭއެފްސީގެ އެހީއާ އެކު ޓީމުތަކަށް އަމިއްލަ އަށް ކޮންގްރެސް ބޭއްވޭނެ އެވެ.
އެފްއޭއެމްގެ މެމްބަޝިޕް ކްލަބްތަކުގެ ޢަދަދަކީ 18 އެވެ.
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ޓޮމް އަށް ތާޢީދުކުރާ ކްލަބްތަކުން އެދުނު އިރު، މި މަހު 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް، ޓޮމްގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން އޮތީ ނިންމައިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވާން ބާކީ ހަ މަސް ދުވަހަށްވެފައި ވަނިކޮށް އިންތިޚާބު އަވަސް ކުރަން އެފްއޭއެމުން ނިންމީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އިންތިޚާބުގައި ވާދަކުރަން ހުށަހެޅީ ޓޮމް އާއި އެފްއޭއެމްގެ އެކްސްކޯ މެމްބަރު ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒު ހާޝިމް (މުފާ) އެވެ.
ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާން ގާތްވެފައި އޮއްވައި، 45 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާތީ، އިންތިހާބާ ގުޅޭ ހުރިހާ ކަމެއް، މި ވަގުތަށް މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް އޮތީ އަންގައިފަ އެވެ.