މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލަން ކުރާ މަސައްކަތް ހުއްޓާލުމަށް، މާލެ ސިޓީގެ އިންތިޙާބީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
އާޒިމް މިހެން ވިދާޅުވެފައި މިވަނީ ސިޓީ ކައުންސިލުގެ ބޮޑެތި ޕްރޮޖެކްޓުތައް ސަރުކާރަށް ބަދަލު ކުރުމަށް މިއަދު މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގައި ނިންމުމާއި ގުޅިގެންނެވެ. މިގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމެންޓް މިނިސްޓަރ އަދި ކައުންސިލުގެ ކުރީގެ މުވައްޒަފު މުހައްމަދު ޝަހީދު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭސިޓީގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވަނިކޮށް އަދި ޤާނޫނު އަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތްތަކާއި ޚިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ. އަދި ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ސިޓީ ކައުންސިލަށް ވަންނަވައިގެން މަސައްކަތް އަތުލައްވަން ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން. " އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލެ ސީޓީ ކައުންސިލުގެ ޖަލްސާއިން މިގޮތަށް ފާސްކުރިއުރު އެގޮތަށް ހުށަހެޅި މިނިސްޓަރ ޝަހީދު މައްސަލާގައި ވިދާޅުވީ، ކޮންމެ ޕްރޮޖެކްޓަކީ ވެސް އުސޫލެއްގެ ގޮތުން އިވެލުއޭޝަނެއް ހަދާކަމަށްވެއްޖެއާ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ޕްރޮޖެކްޓުތަކެއް ކަމަށެވެ. އަދި ކައުންސިލުން ހަރަދު ނުކުރި ނަމަވެސް މިވަރުގެ ޕްރޮޖެކްޓުތަކެއް ހިންގާއިރު މީގައި ޓެކްނިކަލީ ވަރަށް ގިނަ ކަންތައްތަކެއް ބަލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީގެ ދަށަށް ޕްރޮޖެކްޓުތައް ބަދަލުކުރި ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓު ހަވާލުކުރެވިފައި ހުރި ފަރާތްތަކަށް މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ އެ ޕްރޮޖެކްޓުތައް އަނބުރާ ކައުންސިލަށް ލިބޭނެ ކަމަށް ޝާހިދުގެ ހުށަހެޅުމުގައިވެ އެވެ.
އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި 11 ކައުންސިލަރުންގެ ތެރެއިން 10 ކައުންސިލަރުންގެ ތާއީދާއެކު އެވެ. އެއް ކައުންސިލަރު ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.
މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި 3 ކައުންސިލަރުންނާއި މޭޔަރު ހުވާ ކުރުމަށް ހަމެޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.