Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

އެސްއޯއީތަކުން މުވައްޒަފުން ވަކިކުރުން ކުށްވެރިކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި ޚިލާފަށް ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަކި ކުރަމުންދާ މައްސަލަ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީ މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ. އަދި އެކަން އެންމެ ހަރުއަޑުން ކުއްވެރި ކުރާ ކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

" ރައީސް ޑރ މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާއެއްގައި ހުރި އެއްވެސް މުވައްޒަފެއް އެމަނިކުފާނުގެ ސަރުކާރުގައި ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި އެތައް ސަތޭކަ މުވައްޒަފުންނެއް އެމީހުންގެ ވަޒީފާތަކުން ވަކިކުރެއެވެ. " އެމްޑީޕީ ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ މިފަދަ ނިންމުންތަކަކީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ނިންމާ ނިންމުންތަކެއް ކަމަށް ޤަބޫލު ކުރާ ކަމަށް ބުނެފައެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްޤަށް ހުރަސްއަޅާ އެ ހައްޤުން މަހުރޫމް ކުރުމަށް، އެއްވެސް ފަރާތަކަށް އޮތް ހައްޤެއް ނޫން ކަމަށްވެސް އެޕާޓީން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

އެމްޑީޕީން ވަނީ މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ ވަޒީފާތައް އިއާދަ ކޮށްދިނުމަށާއި، ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށް ގޮވާލާފައެވެ.