Last Updated: December 4, 13:29
Wednesday, December 4, 2024
ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ސެންޓްރަލް މައި ޖަލެއް ހެދުން

ހޯމް މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ހޯމް މިނިސްޓްރީ

ސަރުކާރުގެ ވިސްނުމަކީ ޖަލުތައް އެއްކޮށްލާ ސެންޓްރަލް މައި ޖަލެއް ހެދުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި ތަފާތު އެކި ތަންތަނުގައި ޖަލުތައް ހަދާފައިހުރުމުން ބެލެހެއްޓުމުގައާއި ގައިދީންނަށް ދޭންޖެހޭ އެކި ހިދުމަތް ދިނުމުގައި ވަރަށް ހަރަދު ބޮޑުވެގެންދާ ކަމަށާއި މިވަގުތު އެކަން ކުރެވެމުންދަނީ އެންމެ އެދެވޭ ގޮތެއްގައި ނޫން ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ ސެންޓްރަލް މައި ޖަލެއް ހެދުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެކުގައި އަޅުގަނޑުމެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ ރާއްޖޭގައި ސެންޓްރަލް އެއް ޖަލު ހެދުމާބެހޭ ސްޓަޑީއެއް އެބަހަދަން." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ސެންޓްރަލް މައި ޖަލެއް ހެދުމުގެ ބޭނުމަކީ ފޯކަސް އެއް ދިމާލެއްގައި ބަހައްޓައިގެން އެއް ޖަލުން ހިދުމަތް ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސެންޓްރަލް އެއް ޖަލު ހަދާއިރު ސެކިއުރިޓީގެ ގޮތުން، އަންހެން ފިރިހެން ގައިދީން ވަކިކުރުން، ކޮށްފައިވާ ކުށަށް ބަލާ ގައިދީން ވަކިކުރުންފަދަ ހުރިހާ ކަމަކަށް ބަލާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެ ލެވެލްގައި ހިދުމަތް ނުދެވެނީ ތަނުގެ ޖާގައިގެ ދަތިކަމާއި މީހުން މަދުވުންފަދަ ސަބަބުތަކާ ހެދިކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ސެންޓްރަލް މައި ޖަލެއް ހަދާއިރު ބައިނަލްއަގްވާމީ އެންމެ ހައި ސްޓޭންޑަޑާ އެއްގޮތަށް މިތަން ފަރުމާ ކުރުމަށް ވިސްނުން ހުރިކަމަށެވެ. މިގޮތަށް ޖަލު ފަރުމާކުރެވިއްޖެނަމަ ޖަލުން ލިބެންޖެހޭ ރިިބިލިޓޭޝަން ވެސް ފުރިހަމައަށް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.