ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެސިޓީ ކައުންސިލަށް ނުފޫޒު ނުފޯރުވާކަމަށް މާލެސިޓީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މޭޔަރު ނަރީޝް މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ނުފޫޒު ފޯރުވާ ކަމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ ސަރުކާރުން ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ކައުންސިލުން ނިންމީ ކައުންސިލް ފްލޯރއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއް، ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވުމުން ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ." ނަރީޝް ވިދާޅުވިއެވެ.
ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ! ކައުންސިލުން ނިންމީ ކައުންސިލް ފްލޯރއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވީމަ! ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ…
— Ahmed Narysh (@ahmed_narysh) January 17, 2024
ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ނުފޫޒު ފޯރުވާ ކަމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރައްވާފައިވަނީ ސިޓީ ކައުންސިލުގެ ބޮޑެތި ޕްރޮޖެކްޓުތައް ސަރުކާރަށް ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގައި ނިންމުމާއި ގުޅިގެންނެވެ.
އާޒިމް ވިދާޅުވީ މާލޭސިޓީގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވަނިކޮށް އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތްތަކާއި ޚިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ. އަދި ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ސިޓީ ކައުންސިލަށް ވަންނަވައިގެން މަސައްކަތް އަތުލައްވަން ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެއިތުރުން މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވެސް އާޒިމް ގޮވާލެއްވިއެވެ.