ރާއްޖެ އިން އަބަދުވެސް އިންޑިއާ އަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށާއި ދިވެހިންނަށް ރަނގަޅީ ވެސް އެގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަން ވެރިފައިވައި ވަނިކޮށް ނަޝީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ދުރު ވިސްނުމެއް ނެތި އިންޑިއާއާ ދެކޮޅަށް މޭފުއްޕާފައި ކުރާ ކަންކަމުން ހުރިހާ ދެރައެއް ލިބޭނީ ދިވެހިންނަށް ކަމަށެވެ. އެހެންވެ ރާއްޖެ އިން ވެސް އަބަދު ވެސް، ކޮންމެ ހިނދުކޮޅެއްގައި ވެސް އިންޑިއާ އަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެއީ އަވައްޓެރިއެއް އަދި ގާތް ރަހުމަތްތެރި ގައުމެއް." ނަޝީދު ވިދާޅުވި އެވެ.
Maldivians have achieved self rule for centuries because we are tactful & strategic. Not because of brute strength. If our leaders lack foresight & go stomping about beating their chest, we will suffer. India is our neighbour & friend. We should afford India respect at all times.
— Mohamed Nasheed (@MohamedNasheed) January 18, 2024
ރާއްޖެ އާއި އިންޑިއާ ދެމެދު މި ފަހުން ނުތަނަވަސްކަން އުފެދުނީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމަށް ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ޑެޕިިއުޓީންތަކެއް އިންޑިއާ އަށް ފުރައްސާރަކުރީ ލަކްޝަދީޕަށް ކުރެއްވި ދަތުރުގެ ފޮޓޯތަކއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ ގުޅިގެން އެތަނާއި ރާއްޖޭގެ ގުދުރަތީ ރީތިކަން އަޅާކިޔައި، އިންޑިއާގެ ބައެއް މީހުން ރާއްޖެ ބޮއިކޮޓްކުރަން ގޮވާލަން ފެށުމާ ގުޅިގެންނެވެ.
އަދި މިކަން ސޯޝަލް މީޑިއާގައި އިތުރަށް ހޫނުވެ، އިންޑިއާގައި މިހާރު ދަނީ ވަރަށް ފުޅާކޮށް، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ކެމްޕޭން ކުރަމުންނެވެ.