ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު 2024' ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު 'ޤަޟާއީ އަހަރު 2024' އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ޝަރުއީ ދާއިރާއާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ.
މިރަސްމިއްޔާތުގައި ވަނީ ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 12 މުވައްޒަފެއްގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އެ ބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މީގެ އިތުރުން ދައިރާއިން ރިޓަޔަރ ކުރެއްވި ދެ ބޭފުޅެއްގެ ވެސް އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
މިރަސްމީއްޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި ޝަރުޢީ ދައިރާއިން ހާސިލްކޮށްފައިވާ ކަންކަން ޕްރެޒެންޓޭޝަނެއްގެ ޒަރީއްޔާއިން ވަނީ ހިއްސާކޮށްފައެވެ.